ސަރުކާރުގެ ޝޯޝަލް ހައުސިން ސްކީމް ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ދަށުން އެންމެ ނިކަމަތި ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ދިނުމުގައި އިސްކަން ދިނުމަށް، އެެފަދަ ފަރާތްތަކަށް ހާއްސަ ދަފްތަރެއް އެކުލަވާލުމަށް އިދާރީ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާ އިތުރު 1،190 ފްލެޓުގެ ބިންގާ އަޅަން މިރޭ ހުޅުމާލެ ސަހަރާ ކުރިމަތީގައި ބޭއްވި އިވެންޓެއްގައި ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، މި ސަރުކާރަށް ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހިފައިވާ ކަމެއް ކަަމަށެވެ. އަދި އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މަގާމުގެ ހައިސިއްޔަތުން ނިކަމެތި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަކީ މި ސަރުކާރަށް ޒާތީ ކަމެއް ކަަމަށާއި، އެހެންވެ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައި ވަނީ އެންމެ ޕްރޮގްރާމަކާއި، އެއް އުސޫލަކަށް ނޫން ކަމަށެވެ.
”މުޖުތަމައުގެ އެކި ގިންތިތަކަށް ހޯދައިދޭން ޖެހޭނީ އެކި ހައްލު، ބެންކް ލޯން ނަގައިގެން އަމިއްލަ ބޯހިޔާވަހިކަމެއް ފުރަތަމަ ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި ފްލެޓް ގަންނަން ލިބޭނެ މަގު މާ ލަސްތަކެއް ނުވެ ފަހިވެގެން ދާނެ، ކުޑަ އާމްދަނީ ލިބޭ އާމްދަނީ އާއިލާތަކަށް ލީސްޓް އޯން މޮޑެލްގެ ދަށުން، ސޯޝަލް ހައުސިންގެ ދަށުން ފްލެޓް އިމާރާތް ކުރަން މި ވަނީ ފެށިފައި،“. ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހިތްދަތި ނިކަމެތި ހާލުގައި އުޅޭ ފަރާތްތަކަށް ހާއްސަ އުސޫލަކުން، އިސްކަން ދީގެން ބޯހިޔާވަހިކަން ލިބޭނެ މަގު މި ސަރުކާރުން ފަހި ކުރަމުންދާ ކަަމަށެވެ. މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ، އެންމެ ބޮޑު އަދި އެންމެ ބޭނުންތެރި މަސައްކަތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”މާޒީގެ ތަޖުރިބާއަށް ބަލާއިރު، ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ، ބޯހިޔާވަހިކަމުގެ އާއްމު ސްކީމްތަކުން ފްލެޓްތައް ނުލިބޭ ފަރާތްތައް، އެ ފަރާތްތަކަށް ބައެއް ފަހަރު އުސޫލުތައް ނޭނގެ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތަކެއް ހަމައެއް ނުކުރެވޭ، ވަރަށް ގިނަ ފަހަރަށް އެފަދަ ފަރާތްތަކަކީ ބާކީވެގެން ގޮސް، ސިސްޓަމްގެ ހަވާސާއަށް ކޮއްޕާލާފައިވާ ފަރާތްތައް ވާތީ ދިރިއުޅުމުގެ ދަތިކަމާއި އެއްކޮށް އެފަދަ ޕްރޮގްރާމަކަށް ފޯމް ލުންވެސް އޮންނަނީ ނުވާ ވަރުގެ ކަމަކަށް ވެފައި، އެންމެ ނިކަމެތި ފަރާތްތަކަކީ އެންމެ ނުފެންނަ ފަރާތްތައް،“. ވަޒީރު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން އެކަން ގަބޫލު ކުރަން ބޭނުން ނުވާ ކަމަށާއި، އެންމެ ފަގީރު އެންމެ ނިކަމަތި ފަރާތްތަކަކީ ބާކީވެފައިވާ ފަރާތްތަކަަށް ވާން މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. މިގޮތުން ފޯމް ނުފުރިގެންނާއި، ފޯމު ލާންވީ ގޮތް ނޭނގިގެން، ބާކީވާން ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި، ސަރުކާރުގެ ޒިންމާއަކީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތައް ހޯދައި، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުން ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
”އެހެންވެ ޕްރައިއޯރިޓީ ސޯޝަލް ހައުސިން ރަޖިސްޓާއެއް ހެދުމަކީ، މުހިންމު ކަމެއް ކަން ގަބޫލުކުރެވިގެން، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި، އޯގާތެރި ސަރުކާރަކުން ނިކަމެތިންނަށް އެހީއަށް އާދޭސްތައް ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ، އޯގާތެރި ސަރުކާރަކުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް ހޯދަން މަސައްކަތް ކުރާނެ، އޯގާތެރި ސަރުކާރަކުން އެ މީހުންނަށް އެހީތެރިކަން ހޯދަައިދޭނެ،“. ވަޒީރު ވިދާޅުވިއެވެ.
އަދި ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތަކީ އޯގާތެރި ސިޔާސަތެއް ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

