ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މައާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމު މިއަދު އަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ، ބޮޑު ކުރިއެރުމެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިޔަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހުޅުވިގެންދާނެކަމަށެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އެކި ގޮތްގޮތުން ފައިދާ ކުރާނެ ކަމެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ސަރުކާރާއި ތުރުކީވިލާތުގެ ސަރުކާރާ ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ”މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް“ (ޕީޓީއޭ) ގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރު ނޮވެންބަރު މަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރުޅަކީ ތުރުކީވިލާތައް ކުރެއްވި ދަތުރުފުޅެވެ. ދެ ހާސް ތޭވީސް ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ވިޔަފާރިއާއި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާއި ބައްދަލުކުރައްވާ، ވިޔަފާރިއާއި އިންވެސްޓްމެންޓް ދައިރާ ހިމެނޭހެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް، ކުރެއްވި މަޝްވަރާގެދަށުން ފަހިވެގެން ދިޔަ ފުރުސަތެކެވެ.

