އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މަތީ މަޖިލީހުގައި އެ ޕާޓީގެ ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު އިއުލާނުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަގާމަށް އެމަނިކުފާނު އިންތިހާބު ކުރެއްވުމުގައި މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
ވަޒީރު ރާފިއު އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ މަގާމުގައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެންނެވި ބަދަލުތަކާއެކު އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަގާމެވެ.
ވަޒީރު ރާފިއު އަކީ ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުމަށް ރައިސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ޒުވާނުންނާއި ކުޅުންތެރިންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ.
ވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ރާފިޢު ވަނީ ގައުމީ ފުޓްބޯޅަ ޓީމާއި އެކި ކުޅިވަރު ޓީމުތަކުގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައު ރާއްޖޭގެ މެޑިކަލް ޓީމްތައް ލީޑުކުރެއްވުމުގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ވެސް ކުރައްވާފައިވެއެވެެ.
ރާފިޢު ވަނީ ރާއްޖޭގެ ބައެއް ކްލަބްތަކާއި ގައުމީ ޓީމުތައް ތަމްސީލުކުރި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި މެޑިކަލް ޓީމުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން، 2015، 2019 އަދި 2023 ވަނަ އަހަރު ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ވާދަކުރިއިރު، މެޑިކަލް ޓީމުގެ އިސްކޮށް ހުންނެވީ ޑރ. ރާފިޢުއެވެ.

