ސަންގު ޓީވީން ކުރިއަށްގެންދިޔަ ”އެސްޕްރެސޯ ވިތު ރައީސް“ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންފި.
މި ހަރަކާތް ކުރިއަށްދިޔައީ 29 މާރިޗު 2026 ވަނަ ދުވަހުގެ ރޭ ޔޫތު ހަބްގަ.
ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އިޞްލާޙީ މަސައްކަތްތަކަކީ ޒާތީ ލުއިފަސޭހައަށް ކުރައްވާ ކަންކަން ނޫންކަމަށާއި، އެއީ ޤައުމީ މަސްލަހަތުގައި ކުރައްވާ މަސައްކަތްތަކެއް ކަމަށް.
މި ސަރުކާރުގެ އިޞްލާޙީ އެޖެންޑާގައި ހިމަނުއްވައިގެން، ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާ މެދު ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ރައީސަކު އިންތިޚާބު ކުރަނީ އެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރެއްވުމަށް އެ ރައީސަކަށް އިތުބާރުކޮށްފައި ކަމަށް.
މި އިޞްލާޙުތަކަކީ ދުރާލާ ރޭވިގެން، ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން އިސްކުރުމުގެ ނިޔަތުގައި ހުށަހަޅުއްވައި ތަންފީޒުކުރައްވަމުންގެންދަވާ ކަންތައްތަކެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި.
އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާ އިޞްލާޙަކީ، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާގެ މައްޗަށް ބަރޯސާވާނޭ އިޞްލާޙެއް ނޫންކަމަށް.
ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުން އިޞްލާޙުކުރެއްވުމަށްވެސް ހުށަހަޅުއްވަން ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވި.
ކުރިއަށްއޮތް ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން، ޕްރޮގްރާމުގެ ބައިވެރިންނާއި އޯޑިއަންސުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ޙިކުމަތާމެދު ވާހަކަފުޅުދައްކަވާފަ.
ކޮންމެ ސަރުކާރެއްވެސް އަލަށް އެކުލަވާލުމަށްފަހު އެ ވޭތުވާ ފުރަތަމަ ހަ މަސްދުވަހު، ސަރުކާރު ލިމްބޯއެއްގައި އެ އޮންނަ އޮތުން، މިކަމުގެ ސަބަބުން ނިމުމަކަށް ގެނެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވި.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިޚާބުގައި އެލިބޭ ފައިދާ ނުލިބި، މިހާރަށްވުރެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގެ ފުރުޞަތު އިތުރުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވި.
މިގޮތަށް އިންތިޚާބު ބޭއްވުމުން، ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެ، އިންތިޚާބުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުން ޖަވާބުދާރީކުރާނޭ ފުރުޞަތުވެސް އިތުރުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި.

