ބަނޑުގައި ރިއްސާތީ އުޅުނު އިންޑިއާ މީހަކު މަގުމައްޗަށް ދޫކޮށްލާފައި ވަނިކޮށް ފެނިއްޖެ

މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރީގެ އޮފްރޯޑް ފިހާރަ ހުރި ސަރަހައްދުން ފެނުނު މި މީހަކީ އިންޑިއާގެ ރައްޔިތެކެވެ. އެމީހާ ފެނުނުއިރު އޮތީ ހަބަރު ހުސްވެފައި ކަމަށާއި، ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި، އެ މީހާ ފެނިފައިވަނީ ”ސާޖް“ ކިޔާ ގެއެއްގެ ދޮރުމަތިންނެވެ. ފުރަތަމަ އެ މީހާ އެ ގެއިން ބޭރަށް ނިކުތުމަށްފަހު، ބަނޑުގައި ރިއްސާކަމަށް ބުނެ އަލުން ގެޔަށް ވަތް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ފަހުން އެހެން ބަޔަކު އޭނާ އުފުލާލައިގެން ބޭރަށް ނެރުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.

އެ ސަރަހައްދުގައި ތިބި މީހުން ބުނި ގޮތުގައި، އެ މީހާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން، އޭނާ އުފުލައިގެން ނެރުނު މީހުން އޭނާ މަގުމަތީގައި ބާއްވާފައި އެތަނުން ގޮސްފައިވެ އެވެ. އޭރު އޭނާގެ އަނގައިން ލޭ އަންނަމުންދިޔަ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެމީހާގެ މިހާރުގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top