ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމުން ވަކިކޮށްފި އެވެ.
މުންދު ޔޫއޭއީގެ ސަފީރު ކަމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިފުޅެވެ.
މީގެއިތުރުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޮ އެވެ.
މެންބަރު އަސްމާގެ ދަރިފުޅު މުންދު އަދި ކޮއްކޮ ޑރ. ސަލްމާ މަގާމުން ވަކިކޮށްފައި މިވަނީ މެންބަރު އަސްމާ ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.
މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގެ ކުރިން ރައީސް އާ ކުރަން ބޭނުންވާ ސުވާލު ފޮނުވުމަށް މެންބަރު އަސްމާ އެދިވަޑައިގެން ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖެއްގެ މައްސަލަ ފެންމަތިވެ އަސްމާ މާފަށް އެދިވަޑައިގަތެވެ. އެފަހަރު ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުން އަސްމާ ދުރުކޮށްފަ އެވެ.

