ނިމިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކާއި މަގުމަތީގެ އެކްސިޑެންޓްތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހު ޖުމްލަ 960 މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 281 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަބަދުވެސް އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ކުށެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ނިމިދިޔަ މަހު އެކަނިވެސް އެކްސިޑެންޓްގެ 269 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ މާލެއާއި އަތޮޅުތަކުގެ މަގުމަތީގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އުފެދޭ އަދަދެކެވެ. ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 128 މައްސަލަ މާޗް މަހު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ތަކެތި ގެއްލުމުގެ 81 މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގެ 61 މައްސަލައެއްވެސް ހިމެނެ އެވެ.
ފުލުހުންގެ ރެކޯޑްތަކަށް ބަލާއިރު، ވައްކަމުގެ މައްސަލަތަކަކީ އަހަރަކު އެވްރެޖްކޮށް 3,000 އަށް ވުރެ ގިނައިން ރިޕޯޓުކުރާ ކުށެކެވެ. ނިމިދިޔަ 2025 ވަނަ އަހަރު އެކަނިވެސް ވައްކަމުގެ 3,477 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މިއީ ރާއްޖޭގެ ކުށުގެ ވެށީގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އަދިވެސް ހައްލުނުވެ އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. މާޗް މަހުގެ ހިސާބުތަކުގައި އަނިޔާކުރުމުގެ 27 މައްސަލައަކާއި، ޖިންސީ ގޯނާގެ 20 މައްސަލަ އަދި ފޭރުމުގެ 12 މައްސަލަވެސް ހިމެނެ އެވެ.
ކުށް މަދުކުރުމަށްޓަކައި ފުލުހުން ދަނީ އަތޮޅުތަކުގެ ކައުންސިލްތަކާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުވުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. ވަކިން ހާއްސަކޮށް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އޮޕަރޭޝަނަލް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފުލުހުން ފާހަގަކުރެ އެވެ.

