ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެމަނިކުފާނުގެ ދެކަނބަލުން މަދީނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައި ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ މަދީނާގެ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސައޫދު އާއި ރޯޔަލް ޕްރޮޓޮކޯލްގެ ޑިރެކްޓަރު އިބްރާހީމް ބާރީއެވެ.
އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގަތީ މިއަދު ހެނދުނެވެ. މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސައި ދެނީ ސައުދީގެ ސަރުކާރުންނެވެ. ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސައިފައެވެ.

