މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތީ ވަރުގަދަކޮށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް މަތިވުމަށްފަހު، މާރިޗު މަހު ކުޑަ ދަށްވުމެއް އައި ނަމަވެސް، ފަހުގެ އޭވިއޭޝަން ތަފާސްހިސާބުތަކުން ދައްކަނީ ފަތުރުވެރިކަން އަލުން ވަރުގަދަވަމުން އަންނަ މަންޒަރެވެ.
ވައިގެ ދަތުރުފަތުރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލަކު ކެންސަލްވާ ފްލައިޓްތަކުގެ އަދަދު 20 އިން 16 އަށް ވަނީ ދަށްވެފައެވެ. އަދި އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ ނުވަތަ ބޯޓު ފުރޭ ނިސްބަތް، 2025 ވަނަ އަހަރުގެ މާރިޗު މަހު ހުރި 65 އިންސައްތައިން މި އަހަރުގެ މާރިޗު މަހު 70 އިންސައްތައަށް ވަނީ އުފުލިފައެވެ. މިއީ ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.
ބައިނަލްއަގުވާމީ ބޮޑެތި އެއަރލައިންތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިފައެވެ. އެގޮތުން އެރޯފްލޮޓްގެ ސީޓް އޮކިއުޕަންސީ 95 އިންސައްތައަށް އުފުލިފައިވާއިރު، ވާޖިން އެޓްލާންޓިކް 94 އިންސައްތައިގައި، ތާކިޝް އެއަރލައިންސް 92 އިންސައްތައިގައި، މޯލްޑިވިއަން އެއަރލައިންސްގެ އިތުރުން ސްރީލަންކަން އެއަރލައިންސް 79 އިންސައްތައިގައި އަދި ސިންގަޕޯ އެއަރލައިންސް 78 އިންސައްތައިގައި ވަނީ ފުރިފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި ހިސާބުތަކުން ސާފުވަނީ މަދު އެއަރލައިންތަކެއް ދަތުރުކުރި ނަމަވެސް، ރާއްޖެއަށް އަންނަ ފްލައިޓްތައް އަންނަނީ ފުރިގެންކަމެވެ. އަދި މިއީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

