އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އެމްޑީޕީން އިސްލާހު ހުށަހެޅީ އިންޝުއަރެންސް ކުންފުންޏަކަށް މަންފާ ހޯދައި ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުނުކުރައްވާ ކަމަށެވެ. އެ އިސްލާހަކީ އެމްޑީޕީން 2028 ގެ ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯދުމަށް އިންޝުއަރެންސް ކުންފުންޏަކަށް މަންފާ ހޯދައިދިނުމަށް ޑިޒައިންކޮށްފައިވާ އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މި ހަމަ ޑިޒައިންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދުމަށް ކުރާކަމެއް. ރައްޔިތުންގެ އަތުން ފައިސާތަކެއް ނަގައިގެން އިންޝުއަރެންސް ކުންފުންޏެއް މުއްސަނދިކޮށްގެން އޭގެ ތެރެއިން ސިޔާސީ މަންފާތަކެއް ހޯދުމަށް ޑިޒައިންކޮށްގެން ހުށަހަޅާފައިވާ އިސްލާހަކަށްވާތީ އަޅުގަނޑު މިއަށް ތާއީދު ނުކުރަނީ.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސަކީ ވެހިކަލެއް ދުއްވުމަށް ގާނޫނީ ގޮތުން ލާޒިމްކުރާ އެންމެހާ އަސާސީ އިންޝުއަރެންސް ކަވަރޭޖް ކަމަށެވެ. އެ ބާވަތުގެ އިންޝުއަރެންސަކީ އެތައް ފަރާތްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ހަދާ އިންޝުއަރެންސް ކަވަރޭޖެއް ކަމަށް ވިދާޅުވިއެވެ.
ތާޑް ޕާޓީ އިންޝުއަރެންސަކީ ވެހިކަލް ދުއްވުމުގައި އެހެން މީހެއްގެ ވެހިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ހަދާފައިވާ އިންޝުއަރެންސް ކަމަށް މޯލްޑިބްސް އިންޝުއަރެންސްގެ ސީނިއާ އެކްޒެކެޓިވް އަހުމަދު ނަޝީދު ވިދާޅުވެފައިވާ ކަން ޝުޖާއުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
”ކޮންޕްރެހެންސިވް މޮޓޯ އިންޝުއަރެންސަކީ ތާޑް ޕާޓީ އިންޝުއަރެންސްގައި ހިމެނޭ ހުރިހާ ކަމެއްގެ އިތުރުން ތިބާގެ އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުން ވެސް ކަވާ ކުރާ ފުރިހަމަ އިންޝޯރެންސް ކަވަރޭޖެއް. މާނައަކީ ދުއްވަމުން ގޮސް އެކްސިޑެންޓް ވެއްޖެނަމަ އަޅުގަނޑާއި އަޅުގަނޑުގެ ވެހިކަލަށް ކަވަރޭޖް ލިބޭނެއޭ.“ޝުޖާއު ވިދާޅުވިއެވެ.
އެއްގަމު ދަތުރުފަތުގެ ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބު ކަމުގައި ވިދާޅުވެފައި އޮތީ އެކްސިޑެންޓަކުގައި ގެއްލުންވެފައި ތިބި އާއިލާތަކަކާއި އެނދުމަތިވެފައި ތިބި މީހުންނަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް އެކަން އޮތީ އެހެންނޫން ކަމަށް ވިދާޅުވިއެވެ. އެ އިސްލާހުގައި ބޮޑަށް ކަވަކުރަނީ ވެހިކަލް ދުއްވާ މީހާއާއި ވެހިކަލް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް ހީލަތްތެރި ރޭވުމެއްގައި ވަކި ބަޔަކަށް މަންފާ ހޯދުމަށް އެމްޑީޕީން ހުށަހެޅި އިސްލާހެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

