އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހުސައިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ އަދުލްމަތީން މުހައްމަދެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ދުވަސް ކުރިންނެވެ.
މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ފަހުމީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވިކަން ހާމަކުރައްވާ ޕީސީބީން ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހުސައިން ފަހުމީ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ފަހުމީ ސްޓެލްކޯއިން ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކުރެއްވިއެވެ. އެއީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ހުސެއިން ފަހުމީއަކީ ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، ސްޓެލްކޯއާ ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އަދި އޭގެ ފަހުން މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ.
ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލްކުރައްވާފައެވެ.

