އެއީ މީގެ 31 އަހަރެވެ. އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލު އައީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އުފެދުނު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) ވުޖޫދުވެ ބާރު ސްޕީޑްގައި މަސައްކަތްތައް ފަށައިގަތުމުންނެވެ. މިއީ މިއަދު ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ކުންފުންޏެެވެ.
އެ ކުންފުނި އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްގީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ.
60 މުވައްޒަފުންނާއި އެކު، އޭރު 60،000 މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން އެ ކުންފުނި މަސައްކަތް ފަށައިގަތަވެ. މަދު މުވައްޒަފުންނާއެކު ނަމަވެސް، އެއިރުވެސް ކޮށްފައި ވަނީ އަގު ނުކުރެވޭހާ ބުރަ މަސައްކަތްތަކެވެ. މިއަދު އެ ކުންފުންޏަކީ 1000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު ދެ ލައްކަ މީހުންގެ އާބާދީ (ގާތްގަނޑަކަށް ރާއްޖޭގެ %50 އާބާދީ) އަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މިއަދު އެމްޑަބްލިޔުއެސްސީ ފާހަގަކުރެވިފައިވަނީ %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޖިރުވެރި ކުންފުންޏެއްގެ ގޮތުގައެވެ.
މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ.ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މިކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރ.ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީ އަށް 31 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިގޮތުން، ކުންފުނި އުފެދިގެން އައި އިރު ފެން އުފެއްދުމުގެ ޤާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ޙާލަތްތަކުގައި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް، މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. މިގޮތުން، މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓި، ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް އާއި 2500 ޓަނުގެފެން އުފެއްދޭ އާރު.އޯޕްލާންޓްއެއް ބެހެއްޓިފައިވެއެވެ. މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކުރެވިފައެވެ. އަދި ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ވަނީ ފަށާފައެވެ. މިއާއެކު މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކުރެވި، ޖުމްލަ 25 އިންސަތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަންފެށުމާއެކު، ބޭނުންވެއްޖެ ޙާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެގޮތް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެ ކުންފުނިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށް ދެމުންގެންދާ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ޔަގީންކަށް ކަށަވަރުކުރުމުގެ ގޮތުން، ހދ. ކުޅުދުފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރް.އޯ ޕްލާންޓެއް ބަހައްޓައި، ބޭނުން ކުރަން ވަނީ ފަށަފައެވެ. މީގެ ސަބަބުން އެރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި މީގެކުރިއާ އަޅާބަލާއިރު ޖުމްލަ 27 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރުހުރި ގޮތެއްގައި ކަރަންޓްގެ ޚިދުމަތްފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރ ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިޔުގައިއިތުރުކޮށް، ރ. ދުވާފުރގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ގާބިލްކަން 16 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.
ހަމަމިއާއެކު، ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތަތުގެ ފެންވަރު ރަނގަޅުކުރުމަށް ”ދިވެހިރާއްޖެ 2.0“ ދަށުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމަށް އެމް. ޑަބްލިޔު. އެސް. ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިއްމު ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެވިފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ބިލް ދެއްކުމާއި، ޚިދުމަތަށް އެދުމާއި، ބިލުގެ ތަފްޞީލް އަދި ފެން ބޭނުންކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް، މިޚިދުމަތްތަކާއެކު، ޕްރިޕެއިޑް އަދި ސްމާރޓް މީޓަރުގެ އައު ޚިދުމަތް ތަޢާރަފު ކުރުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައިއެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ.މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 ޕްރޮޖެކްޓްގެމަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ. އަދި 2026 ވަނަ އަހަރު 04 ރަށެއްގެ ފެނާއި ނަރުދަމާގެ މސައްކަތް ނިންމައިފައިވާއިރު، އިތުރު 06 ރަށެއްގައިފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ 07 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިނިސްޓްރީއޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު އެމް. ޑަބްލިޔު. އެސް. ސީ އިން ވަނީ ސޮއިކޮށްފައެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެއަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ، ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީ ނަމަވެސް، 31 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިންގ އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމް.ޑަބްލިއު.އެސް.ސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުނީގެ އައި.އެސް.އޯ 17025: 2005 ސްޓޭންޑަރޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުޚާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، އަދި ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގ އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީއަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ކާމިޔާބު ކުންފުންޏެކެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

