ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އެއް ޕާޓީއަކަށް ގިނަ ގޮނޑިތައް ލިބި އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް މަޖިލިސް ފަންކްޝަން ކުރުމަށް އޮތް މަގު ބަންދުވެގެން ދާނެކަމަށް ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ރިފެރެންޑަމް ވޯޓު ނެގުން ވެސް ކުރިޔަށް ދާނެ އެވެ. ގާނޫނުއަސާސީއަށް މި އިސްލާހު ގެނައީ ހަރަދު ކުޑަކުރުމަށް ނަމަވެސް، އައު ސަރުކާރެއް އިންތިހާބުވެގެން އައުމަށް ފަހު މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބޭނުން ކުރާ ނުފޫޒުގެ އަޑުވެސް ވަނީ ގަދަވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ތާއީދު ލިބޭނެކަމުގެ އުންމީދު ކުރާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ހަމަޖެހުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމެވެ.
މަޖިލީހުގެ މިދިޔަ ތިން ދައުރުން މިސާލު ނަންގަވައި ރައީސް ވިދާޅުވީ، އޭރެއްގެ އޮންނަ ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ލިބެމުންދަނީ ވެރިކަން ކުރާ ޕާޓީގެ ބާރުގެ ތެރެއިން ކަމަށެވެ. އަދި އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެގެން އަންނަނީ، ”ސަރުކާރު ކެންޑިޑޭޓު“ ގެ ގޮތުގައި ނުވަތަ ވެރިކަން ކުރާ ޕާޓީއާއި އެކު ގޮސް ކުރާ ކެމްޕެއިނުގެ ތެރެއިންކަމަށް ރައީސް ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަންޖެހޭ ”ޗެކް އެންޑް ބެލެންސް“ ނުވަތަ ފާރަވެރިވުމުގެ ނިޒާމު ވަރުގަދަވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މަޖިލީހުގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. މަޖިލީހުގައި މުޅިންވެސް ސަރުކާރުގެ މެންބަރުން ތިބުމުގެ ބަދަލުގައި، ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީތައް ހިމެނޭހެން އެކަށީގެންވާ އަދަދަކަށް މެންބަރުން ތިބުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު އެތައް ގުނައަކުން ބޮޑުވެގެންދާނެއެވެ.

ރައީސް ވިދާޅުވީ، ވެރިކަން ކުރާނީ ކޮން ޕާޓީއަކުންކަން ނޭނގޭ ހާލަތެއްގައި މަޖިލިސް މެންބަރުން ހޮވުމުން، ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. އަދި މަޖިލީހަކީ ގާނޫނުތައް ހަދާ އަދި ސަރުކާރު ޒިންމާދާރުކުރުވާ ތަނަށް ވާއިރު، އެންމެ ރަނގަޅު ގޮތަކީ ވީހާވެސް ގިނަ ރައްޔިތުންގެ ވޯޓާއެކު މެންބަރުން ހޮވިގެން ދިއުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.