ދުޅަހެޔޮ އުފާވެރި ދިރިއުޅުމަށް ކުޅިވަރު ކުޅުމުގައި ދެމިތިބުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ބައިނަލްއަގްވާމީ ކުޅިވަރާއި ސުލްހައިގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ ދިރިއުޅުމުގައި ހަމަޖެހުމާއި ދުޅަހެޔިކަމާއި ސުލްހަ ހޯދުމަށް މީހާގެ ހަށިގަނޑުގެ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ކުޅިވަރަކީ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.
ކުޅުވަރަކީ މުޖްތަމައުގެ ތެރޭގައި ހުރި ގިނަ ކަންތައްތަކެއް ހައްލުކުރުމަށް ވަރުގަދަ ބާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވާއި، ކޮރަޕްޝަން އަދި އެކްސްޓްރީމިޒަމާއި ދެކޮޅަށް އަޑުއުފުލަށް ކުޅިވަރު ޒަރިއްޔާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
”ކުޅިވަރުގެ ސަބަބުން އަހްލާގީ ފެންވަރު ރަނގަޅުވެގެންދޭ. އަދި އެކުގައި މަސައްކަތް ކުރުމަށް ދަސްވެގެންދޭ. ޒުވާނުން ބާރުވެވިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދޭ. އަދި މުޖްތަމައުގެ ތެރޭގައި ސުލްހަމަސްލަސްކަން ގާއިމްވެގެންދޭ؛“. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ކުޅިވަރުގެ ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޕޯޓްސް އެކްޓް ވަރުގަދަ ކުރުމާއި ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑު ގާއިމްކޮށްފަައިވާކަން ރައީސް. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވައި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ސަރުކާރުން އެ ދާއިރާ ކުރިއެރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅިވަރުގެ އެކި އިންފްރާސްޓަރަކްޗާތައް އިތުރުކުރުމާއި އަރުތަ އިންޓަނޭޝަނަލް ސްކޯލަޝިޕްގެ ފުރުސަތު ފަހިކޮށްދިނުމާއި ގައުމީ އެތްލީޓުންނަށް ހަމަހަމަކާއެކު މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން އަބަދުވެސް ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއަރުވައި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

