ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް އޮފިސަރު ޓްރެއިނީން ހޯދަން އިއުލާންކޮށްފިއެެވެ.
އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓަށް 10 އަދި ކޫއްޑޫ އެއާޕޯޓަށް ތިން އެވްސެކް ޓްރޭނީ އަންހެން އޮފިސަރުން ބޭނުންވާ ކަމަށެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހުޅުލޭގައި ހުންނަ ހެޑްކުއާޓާއަށެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 7،670ރ. އެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،300ރ. ލިބޭނެއެވެ. އަދި ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ ފައިސާގެ ގޮތުގައި 160ރ. ލިބޭނެއެވެ. މީގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ”ސީ“ ފާސް ލިބިފައިވުމާއެކު، ދިވެހިން ”ސީ“ ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

