މެދުކެނޑުމެއްނެތި 12 ގަޑިއިރު އީރާނަށް ހަމަލާދީ، އީރާނުގެ ދުވަސް ދުއްވާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އިއްޔެ ޓްރަމްޕް ބުނީ އީރާނާއެކު ފަސް ހަފްތާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެ ގައުމުން އެއްބަސްވުމެއް ނުހަދައިފި ނަމަ މިރޭ އީރާނުގެ މަދަނީ އިންޖީނުގެ ތަކަށާއި ބްރިޖްތަކަށް ބޮޑު ހަމަލާތަކެއް ދިނުމަށް އަމުރު ކުރާނެ ކަމަށެވެ.
ޓްރަމްޕް މިހެން ބުނީ ރޭ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ކުރިންނެވެ. އޭނާ ވަނީ މިއަދުގެ ނިޔަލަށް އީރާނަށް އެމެރިކާގެ ޝަރުތުތަކަށް އަމަލުކުރުމަށް މުއްދަތު ދީފައެވެ.
ޓްރަމްޕް ދަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ފޯރުކޮށްދިނުމަށާއި ތެލުގެ ޓްރާންސިޓް މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ޑިމާންޑް ކުރަމުންނެވެ. އޭނާ ބުނީ ”އެއް ރެއެއްގެ ތެރޭގައި މުޅި ގައުމު ސުންނާފަތިކޮށްލާފާނަން“ ކަމަށެވެ. އޭނާ އިތުރަށް ބުނީ ”އެރޭ“ މިރެއަށް ވެސް ވެދާނެ ކަމަށެވެ.
”އުންމީދު ކުރަން އެކަން ކުރަން ނުޖެހޭނެ ކަމަށް،“ ޓްރަމްޕް ބުނެފައިވެއެވެ.
އޭނާ ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރަށް ”އީރާނުގެ ހުރިހާ ބްރިޖެއް ނައްތާލާނެ“ ކަމަށާއި ”އީރާނުގެ ހުރިހާ އިންޖީނުގެއެއްގައި ކުރިއަށްދާ ވިޔަފާރި ހުއްޓުވައި، އެތަންތަން އަންދާލައި، ގޮއްވާލުމަށް ފަހު ދެން ދުވަހަކު ވެސް ބޭނުން ނުކުރެވޭ ވަރު ކުރާނެ“ ރޭވުމެއް އެބައޮތް ކަމަށެވެ.
”މީގެ މާނައަކީ 12 ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެތަންތަނަށް ހަމަލާދީ، އެ ތަންތަން ސުންނާފަތި ކުރުން. އަދި އަޅުގަނޑުމެން ބޭނުން ނަމަ ހަތަރު ގަޑިއިރުގެ މުއްދަތެއްގެ ތެރޭގައި އެކަން ކުރުމުގެ ގާބިލުކަން ވެސް އެބަހުރި. ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެކަން ކުރާކަށް،“ ޓްރަމްޕް ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވަނީ އީރާނުގެ ހަމަނުޖެހުން ފެށުނު ފަހުން ދެވުނު އެންމެ ބޮޑު ހަމަލާތައް ހޯމަ ދުވަހު ދެވުނު ކަމަށް ބުނެފައެވެ. އޭނާ ބުނީ މިއަދު އެއަށްވުރެ ބާރުގަދަކޮށް އިތުރު ހަމަލާތަކެއް ދޭނެ ކަމަށެވެ.

