އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން ދަށަށް ގޮށްސިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ޚަބަރާއެކު އެމެރިކާގެ ކްރޫޑް ތެލުގެ އަގު 16 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު 94.59 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ބްރެންޓް ފިއުޗާސްގެ އަގު 15 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 92.35 ޑޮލަރަށް ތިރިވެފައެވެ.
އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓްގެ އެލެކްސް ހޯމްސް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބާޒާރުތަކަށް މި ބަދަލު އައި ނަމަވެސް، މި އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު އަދި މުޅިން ޔަގީންކަމެއް ނެތް ކަމަށެވެ. އަދި މިކަމުގައި އިޒްރޭލާއި، އީރާނާއި، އެހެނިހެން ފަރާތްތަކުން އަމަލުކުރާ ގޮތް ވަރަށް ގާތުން ބަލަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މަޝްވަރާތަކުގައި އަދިވެސް ހައްލުކުރަންޖެހޭ ބޮޑެތި ކަންތައްތަކެއް އެބަހުރި. އެހެންކަމުން ބާޒާރުތައް މިވަގުތު އޮތީ މަޑުޖެހިލައިގެން ބަލަން،“ ހޯމްސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ތެލުގެ އަގު މިހާރު ދަށަށް ދިޔަ ނަމަވެސް، ފެބުރުއަރީ މަހުގެ ފަހުކޮޅާ އަޅާބަލާއިރު އަދިވެސް އަގުތައް ހުރީ ވަރަށް މަތީގައެވެ.

