އީރާނުގެ ހަމަލާއެއްގެ ބިރަށް ސައުދީ އަރަބިއްޔާއާއި ބަހްރޭން ގުޅުވައިދޭ މުހިންމު ބްރިޖް ބަންދުކޮށްފިއެވެ.
މީޑިއާ ރިޕޯޓްތަކުން ބަންދުކޮށްފައިވަނީ ”ކިންގް ފަހްދް ކޯޒްވޭ“ އެވެ. އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ އާންމު ދަތުރުފަތުރަށް ބްރިޖް ބަންދުކޮށްފައިވަނީ އީރާނުގެ ހަމަލާއެއްގެ ބިރު ސައުދީގެ އިރުމަތީ ސަރަހައްދަށް އޮތުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
25 ކިލޯމީޓަރު ނުވަތަ 15.5 މޭލު ހުންނަ އެ ބްރިޖަކީ ސައުދީއާއި ބަހްރޭން ގުޅުވައިދޭ ހަމައެކަނި ބްރިޖެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ބްރިޖް ބަންދުކޮށްފައިވަނީ އީރާނުން ހޮރްމޫޒް ކަންޑުއޮޅި މިއަދަށް ނުހުޅުވައިފިނަމަ، އީރާނުގެ ބްރިޖްތަކާއި ހަކަތަ އުފައްދާ މަރުކަޒުތައް ގޮއްވާލަނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރާއެކު، އީރާނުން ވެސް އިންޒާރެއް ދީފައިވާ ދަނޑިވަޅަކާއި ދިމާކޮށް ކަމެވެ.
އެގޮތުން އީރާނުން ބުނެފައިވަނީ އެގައުމުގެ އާންމު އިމާރާތްތަކަށް ހަމަލާތަކެއްދީފިނަމަ، ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާފަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. ނަމަވެސް ހަމަލާތައް ދޭނީ ކޮން ތަނަކަށް ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި ގުޅިގެން އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކުގައި ހުންނަ އެފަދަ މަރުކަޒުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ސައުދީ ވެސް ހިމެނެއެވެ.

