އިސްރާއީލުން ޣައްޒާގެ ސްކޫލެއް ކައިރިއަށް ދިން ހަމަލާގައި 10 މީހުން ޝަހީދުވެއްޖެ

އިސްރާއީލުން ޣައްޒާގެ ސްކޫލެއް ކައިރިއަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެއެވެ.

މި ވައިގެ ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެސް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

ހަމަލާތަކުގެ ކުރިން ފަލަސްތީނުގެ ބައެއް މީހުން އިސްރާއީލުގެ ތާއީދު އޮންނަ މިލިޝިއާއެއްގެ މެމްބަރުންނާ ކުރިމަތިލާފައިވާއިރު، އެމީހުން ބުނާ ގޮތުގައި އެ ސްކޫލު ހުރި ސަރަހައްދަށް ހަމަލާދިނީ ބައެއް މީހުން ވަގަށް ނަގަން ކަމަށް ސިއްހީ މާހިރުންނާއި އެ ސަރަހައްދުގައި ތިބި އާންމުން ބުނެއެވެ.

މި ހަމަލާ ދެވުނީ މެދުތެރޭ ޣައްޒާގެ މަޣާޒީ ރެފިއުޖީ ކޭމްޕްގެ އިރުމައްޗަށެވެ. އިސްރާއީލުގެ ޑްރޯންތަކުން އެ ސަރަހައްދަށް ދެ މިސައިލް އަމާޒުކުރުމުގެ ސަބަބުން 10 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެމީހުން އިތުރަށް ބުންޏެވެ.

މި ހަމަލާ ދެވުނީ ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ދިރިއުޅޭ އަވަށްޓެރި ރަށަކަށެވެ. ⁠މި ހަމަލާތަކުގައި އާންމުންގެ ކިތައް މީހުން ޝަހީދުވެފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހަމަލާދޭ މަންޒަރު ފެނުނު އާންމު ރައްޔިތެއް ކަމަށްވާ އަހުމަދު އަލް މަޣާޒީ ބުނީ އެ ސަރަހައްދަށް ހަމަލާދީފައިވަނީ އިސްރާއީލުގެ ސިފައިންގެ ކޮންޓްރޯލް އޮންނަ ސަރަހައްދާ ޖެހިގެން އޮންނަ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއީލުގެ ތާއީދު އޮންނަ މިލިޝިއާގެ މެމްބަރުން ކަމަށެވެ. މި ހަމަލާ ދިނުމުގެ ކުރިން މިލިޝިއާ އިން ބަޑީގެ ހަމަލާ ދިން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top