ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވީ ހިތާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ހިތާދޫ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު ރައީސް އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރަކްޝަން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑީ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއެވެ.
އެ ދަތުރުފުޅުގައި ހިތާދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ގައުމުގެ ހާލަތު ރަނގަޅުކުރުމާއެކީގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި މަޝްރޫއުތައް ހިންގުމުގެ މަސައްކަތަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
އަދި އެ މަޝްރޫއަކީ ހިތާދޫގެ ތަރައްގީއަށް ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑު މިނަކަށް ހިއްކުމާއެކު ބޯހިޔާވެެހިކަމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

