ބަންކަރިން ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން މަޝްރޫއަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނުވައި، ގައުމަށް ބޮޑު އާމްދަނީއެއް ހޯދައިދޭނެ ކަމަށް އަންދާޒާކުރެވުނު ބޮޑު މަޝްރޫއެކެވެ. މަޝްރޫއު ފެށިއިރު އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވުނެވެ. މި ހިދުމަތް ދިނުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ބަންކަރިންގެ ހިދުމަތުން 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެގެން ދިއުމުން އިއާދަކުރަވެނި ހަކަތަ އުފެއްދުން މުހިންމުވެފައިވާ ކަަމަށެވެ.
”ރައީސްގެ ވައުދުފުޅެއް 33 އިންސައްތަ ކަރަންޓު އިއާދަކުރަވެނި ހަކަތައިން އުފެއްދުމަކީ. އެއީ 2028 އާއި ހަމައަށްދާންވާއިރަށް. އެހެންވީމަ އެކަމުގެ ތެރިން ސްޕެޝަލް އިކޮނަމިކް ޒޯންގެ ލައިސެންސް އެ އޮތީ ދީފައި ސަސްޓޭނިބަލް ޓައުންޝިޕަކަށާއި ފްލޯޓިން ސޯލާ ސަރަހައްދެއް ގާއިމްކުރުމަށް.“ ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން ފަސް އަހަރަށްވެފައިވާ ވައުދުތައް ފުއްދުމަށް އެކި ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެކި މަސައްކަތްތައް ސަރުކާރުގެ ތެރެއިން ހިނގަމުންދާ ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި އެދެވޭ ނަތީޖާ ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

