ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މުއްތަލިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ ގެ ޝަރުޠުތައް އިސްލާޙުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ވުޒާރާއިން ހުޅުވާލިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ އެފަދަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ކުރިމަތިލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ހުށަހަޅާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް މީގެ ކުރިން ވެސް ވުޒާރާއިން ވަނީ ހަމަޖައްސާދީފަ އެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާ މީހުން އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން ސާބިތުކުރުމަށްޓަކައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށަހެޅޭ ގޮތް މީގެ ކުރިން ވަނީ ހަދާފަ އެވެ.  މިއީ އެފަދަ މީހުންނަށް ފޯމު ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަން ވުޒާރާއިން ވަނީ އޭރު ފާހަގަކޮށްފަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ ގެ ޝަރުޠުތައް އިސްލާޙުކޮށް، ފުލެޓަށް އެދި ހުޅުވާލާފައިވާއިރު މި މަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ.

ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top