އެމްޑީޕީ ހިންގުން 2 ރައީސުން ހިމެނޭ ކޮމިޓީއަކަށް، ދެ ރައީސުންނަށް އެޑްވައިޒަރުކަން!

އިދިކޮޅު އެންޑީޕީ ހިންގުމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ހިމެނޭހެން 6 މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން އެޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވަނީ ކޯޅުންގަނޑެއް އުފެދިފައެވެ. އެ ކޯޅުންގަނޑުގައި ޕާޓީގެ ބައެއް މެމްބަރުން މަގާމުން ވަކިކޮށް، ބައެއް މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ނަމަވެސް އެކަން ހައްލު ކުރުމަށް ފާއިތުވި 2 ދުވަހު މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

މިރޭ އެމްޑީޕީން ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޕާޓީގެ ޗެއާޕާސަނަށް ލަފާދިނުމަށް 6 މެމްބަރުންގެ އިންޓެރިމް ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.

ކޮމިޓީގައި ހިމެނޭ ބޭފުޅުން:

  • ޕާޓީގެ ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާ
  • ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު
  • ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް
  • ކުރީގެ ރައީސް، މުހައްމަދު ނަޝީދު
  • ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް
  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ނާޒިލް

މި ކޮމިޓީ އެކުލަވާލުމަށް ފާސްކުރި ނަމަވެސް މި ކޮމިޓީ ދެމި އޮންނާނީ ޕާޓީއަށް ދާއިމީ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެކަށެވެ.

މީގެ އިތުރުން ވެސް މިރޭގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ސޯލިހާއި ނަޝީދު ހަމަޖެއްސުމަށް ވެސް ފާސްކޮށްފައެވެ. އަދި ދެން އޮންނަ ބައްދަލުވުމެއްގައި ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ފާސްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top