އީރާނުން ބޭނުންވަނީ ހަނގުރާމައެއް ނޫން، މަޝްވަރާ: ރައީސް މަސްއޫދު

ސަހުޔޫނީން އެމެރިކާގެ ބައިވެރިވުމާއެކު އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިރާނުން ބޭނުންވަނީ މަޝްވަރާގެ ރިވެތި އުސޫލު ކަމަށް އެެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ ”އިރްނާ“ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް މަސްއޫދު ވިދާޅުވީ ހަނގުރާމައިގައި އެމެރިކާގެ މަގުސަދަކީ އީރާނުގެ ސިޔާދަތީ މިނިވަންކަން ގެއްލުވާލައި ހުޅަނގުގެ ކުރިމަތީގައި އިރާނު ކުޑަކަކޫ ޖެއްސުންކަމަށް ވިޔަސް އެމެރިކާއަށް މިކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ރައީސް މަސްއޫދު ވަނީ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތުގެ އުސޫލުތަކުގެ ތެރެއިން، އާންމު ރައްޔިތުންނާއި، ގައުމެއްގެ އިލްމީ ބޭފުޅުންނާއި، ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ކޮން އުސޫލަކުން ބަލައިގަނެވޭނެ ކަމެއްތޯ ސުވާލު އުފެއްދެވި އެވެ.

ހަމައެއާއެކު، ސުކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މުހިންމު މަރުކަޒުތައް ސުންނާފަތި ކުރަމުންދާ ދިއުމަކީ އެއްވެސް ހަމައަކުން ބަލައިގަންނަ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މަސްއޫދު މިފަދައިން ވިދާޅުވެފައިވާއިރު އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ފުރަތަމަ ކުރިއަށްދިޔަ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ މަޝްވަރާތައް ވަނީ ހުއްޓާލާފަ އެވެ.

މި މަޝްވަރާތައް ހުއްޓުމަކަށް އައި އެންމެ ބޮޑު ސަބަބަކީ، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ބޭނުންނުވުމެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެމެރިކާއިން ހުށަހެޅި ޝަރުތުތަކަކީ އީރާނަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިސްލާމްއާބާދުގައި މަޝްވަރާތައް އަލުން ފެށިދާނެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top