އިންތިޚާބީ މަންފާއަށްޓަކައި ކުށްވެރިންނަށް މިހާރަކު ރައީސްގެ އަފްއާމެއް ނުލިބޭނެ: މުހުތާޒް

އިންތިޚާބީ މަންފާއަށްޓަކައި ކުށްވެރިންނަށް މިހާރަކު ރައީސްގެ އަފްއާމެއް ނުލިބޭނެކަމަށް ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒު މިފަދައިން ވިދާޅުވީ ވޯޓުގެ ދަހިވެތިކަމުގައި ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހްެގެ އެމްޑީޕީ ސަރުކާރުން 1905 ކުށްވެރީން ދޫކޮށްލި ކަމަށާ އެކަމުގެ ނުރައްކާ މި ލައިގަތީ ރައްޔިތުންނަށް ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ޒަރިޔަންދު އިސްމާއީލް ވިދާޅުވުމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި އިސްމާއިލް އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް އޭނާ ޖަލުން ދޫކޮށްލީ އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ ހުކުމް ފަސް ދުވަހަށް ކުރު ކުރުމަށް ފަހުކަން މީޑިއާތަކަށް ތިލަވީ މިދިޔަ ހޯމަ ދުވަހު އެވެ.

ޒަރިޔަންދު ވަނީ ސޯލިހްގެ ވެރިކަމުގައި ތިން އިންތިޚާބަކާއި ދިމާކޮށް ޖަލުތަކުން ދޫކޮށްލި ކުށްވެރީންގެ އަދަދު ހިމަނާ ތަފްސީލު ޕޯސްޓެއް ކުރައްވާފަ އެވެ.

ޒަރިޔަންދު ވިދާޅުވީ ސޯލިހްގެ ވެރިކަމުގައި 2019 ގެ މަޖިލިސް އިންތިހާބާއި ދިމާކޮށް 762 ކުށްވެރީން ޖަލުން މިނިވަންކޮށް ދޫކޮށްލި ކަމަށެވެ. އަދި 2021 ވަނަ އަހަރު އޮތް ލޯކަލްކައުންސިލް އިންތިހާބަށް 458 ކުށްވެރީން ޖަލުން މިނިވަންކޮށް ދޫކޮށްލި އެވެ.

ސޯލިހް ވަނީ 2022 އެމްޑީޕީ އެތެރޭގެ އިންތިހާބަށް ވެސް ކުށްވެރީންތަކެއް ދޫކޮށްލާފައި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އެ އިންތިޚާބާއި ދިމާކޮށްވެސް 256 މީހަކު ދޫކޮށްލި ކަމަށް ވިދާޅުވި އެވެ.

އަދި ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމުގެ އެދުމުގައި 2023 ގެ ރިޔާސީ އިންތިހާބާއި ދިމާކޮށް 429 ކުށްވެރިއަކަށް މައާފުދީ މިނިވަން ކުރި ކަމަށް ވިދާޅުވި އެވެ.

މީ މީހުންގެ ތެރެއިން %70 އަކީ ރައީސަށް ފެނިވަޑައިގެން ދެއްވި މަޢާފު ކަމަށް އޭނާ ވިދާޅުވި އެވެ.

”މައާފު ދޭންވާނެ އެވެ. ނަމަވެސް ވޯޓާއި އަޅުވާ، ނުވަތަ އިސްވެރިންގެ ކޮރަޕްޝަން ފޮރުވަން މައާފު ދިނުމަކީ އެކަން މޮޅުވެ ބަޔަކު އަތްޖެހިއަސް އާޙިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވުމެވެ.“. ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދުގެ މި ވާހަކަތަކާ ގުޅިގެން މުހުތާޒު ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް ރައީސުންނަށް ލިބިދޭ ބާރު މީގެ ކުރީގެ ވެރިން ބޭނުންކުރަމުން އައީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށެވެ. އެހެންނަމަވެސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާ ކުރައްވާ ރައީސްގެ ޚާއްސަ މައާފް ދިނުމުގައި ކުރީގައި ނަގަމުންއައި ނާޖާއިޒު މަންފާ ނުނެގޭނޭފަދަ ގޮތަކަށް ކަންކަން ތަރުތީބުކުރައްވާފައިކަމަށް ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު އިންތިޚާބީ މަންފާއަށްޓަކައި ތަންފީޒީ ގައިދީންނަށް ރައިސުލްޖުމުހޫރިއްޔާ މާއާފެއް ނުދެއްވާނެކަމަށް މުހުތާޒު ވިދާޅުވިއެވެ.

މި މައްސަލައިގައި އެމްޑީޕީގެ ނިމިދިޔަ ސަރުކާރާއި ކުރީގެ ރައީސް ސޯލިހަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ވަގުތު ބޮޑެތި ޙުކުމްތަކުގައި ތިބި އެތައް ބަޔަކަށް މިނިވަން ވެވޭނެ މަގު ވަނީ ތަނަވަސް ކޮށްދީފަ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ފައިސާތައް ޚިޔާނަތްތެރިވެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުން ވެސް ހިމެނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top