ގައުމުތަކުން ވަނީ ރާއްޖެ ތެލަށާއި ކާޑަށް ނުޖެހޭނެ ކަމަށް ބުނެފައި: ސައީދު

ރާއްޖެ ތެލާއި، ގޭސް އަދި ކާޑަކަށް ނުޖެހޭނެ ކަމަށް ގައުމުތަކުން ބުނެފައިވާ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫ ކޮންގްރެސް ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި، މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިމާވި ހާލަތްތަކުގެ ވާހަކަ ހިއްސާކުރައްވާފައެވެ. އެއް ވެރިކަމުގައި އައީ ކޮވިޑްގެ އާލަމީ ވަބާއެއް ކަމަށާއި އެއީ މުޅި ދުނިޔެއަށް އައިކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަމާއި ކުރިމަތިވުމުން އޭރުގެ ސަރުކާރުން ފައިސާ ޝާޕްކުރީ ކަމަށާއި އެއްވެސް ރޭވުންތެރިކަމެއް އެ ސަރުކާރުގައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”މި ވެރިކަމުގައި މި އައީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ. ދުނިޔޭގެ މުދާ އުފުލާ ކަނޑުއޮޅި ވަނީ އެއްކޮށް ބަންދުކޮށްފައި. ކިތަށް ގައުމުންތޯ ތެޔޮ ހުސްވެގެން ދަނީ. ކިތަށް ގައުމުންތޯ ކައްކާ ގޭސް ހުސްވެގެންދަނީ. ކާޑު ހުސްވަމުންދަނީ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ގައުމަށް ލިބިފައިވަނީ އެއް ނަސީބެއް ކަމަށެވެ. އެއީ އިސްލާމްދީނުގެ އަގީދާގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށްގެން ތިބުން ކަމަށެވެ. ސައްތައިން ސައްތަ މުސްލި ގައުމަކަށް ވުންކަން ކަމަށެވެ. ބައެއްގެ ހިތަށް ދަތިވިޔަސް އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ނަސީބު ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު ވިސްނުންތެރިކަމާއެއްކޮށް ކުރައްވާ ވެރިކަމުގެ ސަބަބުން ރާއްޖެއަށް ތެލާއި ކާޑަށް ނުޖެހޭނެ ކަމަށް ދުނިޔޭގެ ގައުމުތަކުން ބުނަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

”އޭގެ މައްޗަށް އަޅުގަނޑުމެންނަށް ލިބިފައިވާ ވެރިމީހާގެ ކެތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު ރީތިކޮށްކުރާ ވެރިކަމެއްގެ ނަތީޖާއަކީ މިއަދު ދުނިޔޭގެ ގައުމުތަކުން ދަނީ ބުނަމުން އެމީހުން ތިއްބާ ރާއްޖެ ތެލަކަށް ވެސް ނުޖެހޭނެ، ގޭހަކަށް ވެސް ނުޖެހޭނެ، ކާޑަކަށް ނުޖެހޭނެ ކަމަށް.“ ސައީދު ވިދާޅުވިއެވެ.

ދުނިޔޭގެ އަގުތައް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ތެލަށާއި ކާޑުތަކަށް އަންނަ ބަދަލުތަކާއި އަގު ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ވީހާ ވެސް ބުރަ ކުޑަވާނެ ގޮތަށް ކަންތައްތައް ކުރަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top