ޑެންގީ ޖެހިގެން 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ކުޑަ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.

ޑެންގީ ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ މ. މުއްޔަށް ނިސްބަތްވާ އާއިޝަތު އަންޖަލް މުމްތާޒެވެ.

އަންޖަލް ނިޔާވެފައިވަނީ ޑެންގީ ޖެހިގެން ފަރުވާ ދެމުން އަންނަނިކޮށް ކަން އެރަށު ހޮސްޕިޓަލުން ވަނީ ”ވަގުތު“ އަށް ކަށަވަރުކޮށްދީފައެވެ.

މުލި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު، ހުސެއިން ލަތީފް ”ވަގުތު“ އަށް ވިދާޅުވީ، ޑެންގޫއަށް ފައްސިވެފައިވާ 17 އަހަރުގެ ކުއްޖަކަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައިސްފައިވާ ކަމަށެވެ. އަދި ކުއްޖާ ނިޔާވެފައިވަނީ ރޭ 10:26 އެހާކަންހާއިރު ކަމަށް ލަތީފް ވިދާޅުވިއެވެ.

ކަށުނަމާދުގެ މައުލޫމާތު އާންމު ކުރާ ކަށުނަމާދު ޕޭޖުގައިވާ ގޮތުން ކުއްޖާގެ ކަށުނަމާދު އޮންނަނީ މިއަދުގެ ހުކުރު ނަމާދަށްފަހު، އެރަށު މަސްޖިދުލް މުސާވާތުގައެވެ.

ޑެންގީ ހުން ޖެހިގެން 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވާއިރު، މި ބަލި ޖެހިގެން މި މަހުގެ 13 ވަނަ ދުވަހު ށ. މިލަންދޫއަށް އުފަން 22 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިމަހުގެ 16 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އޭރު ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި (ހާއްސަކޮށް އެޕްރީލް އިން ޖުލައި އަށް) އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top