އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރާއި އަންނަ އަހަރަށް ވެސް، ދެގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށެވެ. އޭގެ ތެރޭފައި ހިމެނެނީ ބިހާއި ފިޔާ އާއި އަލުވި އާއި މުގާއި ހަނޑުލާއި ހަކުރާއި ފުށް އަދި ހިލަ އާއި ހިލަވެލި އެވެ.

އެއީ 1981 ވަނަ އަހަރު ދެ ގައުމުގެ އެއްބަސްވުން ހެދިފަހުން މިހާތަނަށް އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށް ބުންޏެވެ.

ކޮމިޝަނުން ބުނީ ހަނޑުލުގެ ކޯޓާ ވެސް 77 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ، އެ ގައުމުގެ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ ގެ ދަށުންނެވެ.

މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު މި ބާވަތްތަކަށް އެދި ހުށަހެޅުމުން އިންޑިއާއިން ހުއްދަ ދީފައި އޮތީ ތިން އަހަރުގެ މުއްދަތަށެވެ. އެ ހުއްދަ 2024 ގެ މާޗް މަހަށް ހަމަވުމުން، އެ ފަހަރު ހުއްދަ އިތުރުކޮށްދިނީ އެއް އަހަރަށެވެ.

އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތުގައި ވެސް، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ހާއްސަ އަގުތަކުގައި މި ބާވަތްތައް އަބަދުވެސް ލިބެ އެވެ.