ސަރުކާރުގެ ”ބިންވެރިޔާ“ ހާއްސަ ސްކީމްގެ ދަށުން ރަސްމާލެއިން ދޫކުރާ 1،250 އަކަ ފޫޓްގެ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ޕްރޮގްރާމް ހިންގުމަށްޓަކައި މާޗް މަހުގެ އެއްވަނަ ދުވަހު ގެޒެޓުގައި ”ބިންވެރިޔާ“ ހާއްސަ ސްކީމާ ގުޅޭ އުސޫލު“ ވަނީ އާންމުކޮށްފައެވެ.
ހައުސިން މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވިދާޅުވީ އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލާ ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އަށް ކަމަށް އިއުލާނުގައިވެއެވެ.
އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ އެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 އަކަފޫޓުގެ ގޯތި ކަމަށެވެ.
އަދި އެ އުސޫލުގައި ހިމެނެނީ ކެޓަގަރީ-1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ކެޓަގަރީ–2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.
މިނިސްޓްރީން ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

