ފަރަށްއެރި ”އުދަރެސް“ ބޯޓުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

“އުދަރެސް“ ބޯޓު ފަރަށް އެރި ޙާދިސާގައި ގެއްލުނު ދިވެހި ފިރިހެން މިހާ ދިރިހުއްޓާ ފެނިއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ފަރަށް އެރި ”އުދަރެސް“ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، ގެއްލިގެން ހޯދަމުންދިޔައީ ދިވެއްސެއްކަމަށާއި، އޭނާ ފެނުނީ އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ މިއަދު ހެނދުނު 10:15 އެހާކަށްހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. މިމީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، ރޭ ދަންވަރު 01:25 ހާއިރު އެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އެ މީހާ އެ ހަބަރު ދިނުމުން ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގާފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top