އެމެރިކާ އާއި އީރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލުމާއި ގުޅޭ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ރާއްޖެއިން މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލް އަދި އީރާން ކުރަމުން އައި ހަނގުރާމަ މެދުކަނޑާލާފައިވަނީ ހަނގުރާމަ ހުއްޓުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުގެ ހުށަހެޅަމަށެވެ. ޕާކިސްތާނުން ވަނީ 10 ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން އެމެރިކާ އަދި އީރާނުން ވެސް ވަނީ ބަލައިގެންފައެވެ.
މި ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި ވަނީ އިއްޔެ ރޭ ފަތިހެވެ.
އެކަމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މި ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކުޑަވެ، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް މަޝްވަރާ ކުރުމާއި މަޝްވަރާތަކުގެ ތެރެއިން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިކޮށްދެއްވުމުގައި ޕާކިސްތާން ސަރުކާރާއި، ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އެ ބަޔާނުގައި ވަނީ ސަރަހައްދުގެ ހަމަޖެހުުން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައުން ކުރެވެމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

