ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެގެން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 9:15 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކައިރީގައި ހުރި ތިން ދޯންޏެއްގައި އަލިފާން ރޯވެ، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ފަހުން އަލިފާން ނިއްވާލެވުނު އިރު، ހަތަރު ދޯނި ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ ފިރިހެނަކު ވަރަށް ބޮޑަށް ފިހިފައިވެއެވެ.
ތެޔޮ އުފުލާ ދޯނީގައި މަސައްކަތް ކުރާ އެ ބިދޭސީ މީހާގެ ހާލު ސީރިއަސްކަމުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަލިފާން ރޯވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެން ކަމަށްވެއެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަމައެކަނި އައިސް ޕްލާންޓަށް ލިބުނު ގެއްލުމުގެ އަދަދު ފަސް މިލިއަން ރުފިޔާއާ ގާތް ކުރާނެ ކަމަށެވެ.
”ހަމައެކަނި އައިސް ޕްލާންޓަކީ ވެސް ފަސް މިލިއަން ރުފިޔާ، އަޅުގަނޑު އަންދާޒާ ކުރާ ގޮތުގައި ގެއްލުންވި އިތުރު ދޯނިތަކަށް ބަލާފައި 20 މިލިއަން ވަރު އަރާނެ، ވިއްޔާ އެއަށް ވުރެ ވެސް އެ އަދަދު ބޮޑުވާނެ ކަމަށް ބެލެވެނީ، ބަނދަރު ވާޓަރަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައި ވަނީ“ މޫސާ ވިދާޅުވިއެވެ.
ފީއަލީ އައިސް ޕްލާންޓަށް ލިބިފައިވާ ގެއްލުން ބެލުމަށް ފިޝަރީޒްގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންްނަ ކަމަށް ވެސް މޫސާ ވިދާޅުވިއެވެ. މޫސާ ވިދާޅުވީ މިވަގުތަށް ރަށުގައި ޕެޓްރޯލާއި ޑީސަލް އެބަހުރި ކަމަށެވެ. އަދި ޕެޓްރޯލާއި ޑީސަލް ނެތިއްޖެ ހާލަތެއްގައި އެފްއެސްއެމް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 09:30 ހާއިރެވެ. އެ ރިޕޯޓް ލިބުމާއެކު ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތުގެ ތެރެއިން އަލިފާންގަނޑު ނިއްވާލެވުނީ އިއްޔެ ހެނދުނު 10:35 ހާއިރު ކަމަށެވެ.

