ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ މުވައްޒަފުންނަށް ޗުއްޓީއެއް ދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ، މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

ތުއްތު ކުދިން ޕޯސްޓާ ކުރާ ފަރާތްތަކަށް، ވިހެއުމުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭފަދަ ޗުއްޓީއެއް ހަމަޖައްސަން ނިންމަވާފައިވާ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ މިދިޔަ މަހު އިއުލާނުކުރައްވާފެއެވެ. އެ ފަރާތްތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ސިވިލް ސާވިސްގެ ގަވައިދަށް މިހާރު ވަނީ އިސްލާހު ގެނެސް ގެޒެޓްކޮށްފައެވެ.

ސިވިލް ސާވިސްގެ ގަވައިދަށް ގެނައި އެ އިސްލާހުގައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިންގެ ބެލެނިވެރިކަމާ ހަވާލުވުމުގެ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޗުއްޓީ ދެވޭނެ ކަމަށެވެ.

ކުއްޖާއާ ހަވާލުވިއިރ،ު ކުއްޖާގެ އުމުރުން ހަމަސްދުވަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން ހަ މަސްދުވަސް ހަމަވާ ތާރީހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެ ކަމަށް އިސްލާހުގައިވެއެވެ.

އަދި ކުއްޖާއާ ހަވާލުވިއިރު، ކުއްޖާގެ އުމުރުން ހަ މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި އެ ޗުއްޓީގައި ވެސް މުސާރަ އާއި އިނާޔަތްތައް ލިބޭނެ ކަމަށް އިސްލާހުގައިވެއެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އައިޝަތު ޝިހާމް ވިދާޅުވީ ބެލެނިވެރިކަމާ ހަވާލުވާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން ތިބޭ ކަމަށެވެ. އަދި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންވެސް ތިބޭ ކަމަށް އޭޏާ ވިދާޅުވިއެވެ. އެފަދަ ކުދިންނާ ހަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top