ފުރަތަމަ ދުވަހުވެސް ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލައިފި

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ”މަދިރިން ރައްކާ“ ކެމްޕޭންގެ ދަށުން ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން މިއަދު ނައްތާލައިފިއެވެ.

”މަދިރިން ރައްކާ“ ގެ ނަމުގައި މިއަދު ހެނދުނު ފެށި މި ޕްރޮގްރާމްގައި އެޗްޑީސީއާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައި ވެއެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން މޯޕާ އަދި އިތުރު ފަރާތްތައް ހިމެނޭހެން ގާތްގަނޑަކަށް 150 މީހުން ވަނީ ބައިވެރިވެފައެވެ.

މިއީ މި ކެމްޕެއިންގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ ފުރަތަމަ ސާފް ކުރުމުގެ ހަރަކާތެވެ.

އެޗްޑީސީން ވަނީ މިއަދު މި ޕްރޮގްރާމް ފަށައި، ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު ސާފުކޮށްފައެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮގްރާމްގެ ފުރަތަމަ ދުވަހުވެސް ހުޅުމާލޭގައި މަދިރިއާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ނައްތާލާފައިވާ ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، މިއަދު ފެށި މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

އެޗްޑީސީން މިއަދު މި ޕްރޮގްރާމް ފަށާފައިވާއިރު، މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައިވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top