ރާއްޖެއަށް އަސާސީ ކާބޯތަކެތި އިމްޕޯޓުކުރާ ވިޔަފާރިތަކާއި، ބޯޑަރުގައި މުދާ ކްލިއަރކުރުމުގައި ހަރަކާތްތެރިވާ އިދާރާތަކާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން، ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މުދާ އެތެރެކުރުމުގައި މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ސަރުކާރު މެދުވެރިކޮށް ހޯދޭނެ ފަސޭހަ ގޮތްތަކާއި، ބާޒާރުގައި މެދުކެނޑުމެއްނެތި މުދާ ލިބެން ހުންނާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާ ގުޅޭގޮތުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި މަޝްވަރާތަކުގެ ސަބަބުން މުދާ ކްލިއަރކުރުމުގެ މަރުހަލާތައް އަވަސްވެ، ބޭރުގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

