ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކޮށް އެކަން ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
”ޕީއެސްއެމް“ގެ ޕްރޮގްރާމެެއްގައި ވާހަކަދައްކަވަމުން ޑރ ޝާހް ވިދާޅުވީ ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ޒަމާންވީ މައްސަލައެއް ކަމަށާއި އަދި ބޭނުންވާތަކެތި ރާއްޖެއިން ނުލިބުމުގެ މައްސަލަ އަދި ޝަކުވާގެ އަޑު ދުވަހަކެއް ދުވަހަށް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ. ފަހަކަށް އައިސް މި މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
”ސަރުކާރުން މިހާބޮޑު ހަރަދެއް ސިއްހީ ދާއިރާއަށް ކުރައްވާއިރު. ބަޖެޓްގެ ބޮޑު ބައެއް ސިއްހީ ދާއިރާއަށް ހަރަދުކުރާއިރު. ހާއްސަކޮށް ރައީސް މުއިއްޒު ސިއްހީ ދާއިރާއަށް ދެއްވާ ސަމާލުކަމާއި ފޯކަސްއާއި ތަސަވަރަށް މިކަން ފެއްޓުމަށް. ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ތަކެތި ނުލިބި އެ އޮބްޖެކްޓިވްއެއް އަޅުގަނޑުމެންނަށް ހާސިލެއް ނުވާނެ. އެހެންވީމަ ވަރަށް މުހިންމު މިކަމަށް ދާއިމީ ހައްލެއް. އަދި ގެންގުޅޭ ސިސްޓަމްތަކާއި މިހާރުވެފައި ބައިބައިވުން އެ ވުޒާރާތަކާިއ ބޭހުގެ ކަންކަމުގައި ދިމާވާ މައްސަލަތަކަށް ރަނގަޅު ހަރުދަނާ ސިސްޓަމެއް ގެންނަންޖެހޭ. އެ ސިސްޓަމްގެ ތެރެއިން އަޅުގަނޑު ވިސްނާފައިވާނެ ބައެއް ކަންތައްތައް.“، ޑރ. ޝާހް ވިދާޅުވިއެވެ.
އެގޮތުން ކޯލް ސެންޓަރު ތައާރަފްކޮށް ޕޯޓަލް ވެސް މިހާރު އިފްތިތާހްކޮށްފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ. އެއާއިއެކު ވަރަށް ވަރުގަދަ އިލެކްޓްރޯނިކް ނިޒާމެއް، ޑިޖިޓަލް ނިޒާމެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރީ ކޮން ބޭހެއްތޯ ހުރީ، ކޮންތަންތަނެއްގައި ތޯ ހުރީ، ރައްޔިތުންނަށް އިނގޭވަރުގެ ސިސްޓަމެއް ހުންނަންޖެހޭ ކަމަށް ޝާހް ވިދާޅުވިއެވެ. އެ ވަރުގެ ސިސްޓަމެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އުޅެނީ އެ ސިސްޓަމް އިމްޕްލިމެންޓޭޝަން ހިސާބުގައި ކަމަށް ވިދާޅުވިއެވެ.
އެ ސިސްޓަމް އައުމުން ރާއްޖޭގެ ކޮންތާކުތޯ، ކިހާވަރަަކަށްތޯ އަދި ކޮން ބޭސްތަކެއްތޯ ހުރީ އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ. ޑރ. ޝާހް ވިދާޅުވީ ހަރުދަނާ ގޮތެއްގައި އެ މަސައްކަތް ކުރާކަމަށްވާނަ އެއީ މުހިންމު މަސައްކަތެއް ކަމަށެވެ. އޭރުން ބޭނުންވާ ބޭސްދަނެގަނެވި އަދި ފޯކާސްޓެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

