މިދިޔަ މަހު ފަތުރުވެރިކަމަށް 20.7 އިންސައްތައިގެ ދަށްވުމެއް

ނިމިދިޔަ މާޗު މަހު ފަތުރުވެރިކަމުގައި 20.7 އިންސައްތައިގެ ދަށްވުމެއް އައިސްފައުވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވަނީ މެދުއިރުމަތީގެ މަސްރަހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭންފެށި ހަމަލާތަކާއެކު، އީރާނުންވެސް ދަނީ އެކަމަށް ރައްދު ހަމަލާ ދެމުންނެވެ.

އެގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްވެސް މި ހަމަލާތައް ދަނީ ފޮނުވަމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރާފައެވެ.

އެހެންވެ، ރާއްޖެ އަންނަ ބޮޑެތި އެއާލައިންތައް ކަމަށްވާ ގަތަރު އެއާވޭސް، އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު އެއާލައިންސް ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އެރިއެވެ. ނަމަވެސް މިހާރު އަލުން އެ އެއާލައިންގެ ދަތުރުތައް ކޮންމެވެސް ވަރަކަށް ކުރިއަށް ދެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ދިވެހިރާއްޖެއަށް ޖުމުލަ އައިސްފައިވަނީ 161,259 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 20.7 އިންސައްތައިގެ ދަށްވުމެކެވެ. 2025 ވަނަ އަހަރުގެ މާޗު މަހު ދިވެހިރާއްޖެއަށް 203,468 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހު ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން އެ ދެ މަހުވެސް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 643,218 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 636,321 ފަތުރުވެރިންނެވެ. މިއީ 1.1 އިންސައްތައިގެ އިތުރުވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top