ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތައް ރޭ ވަނީ މެދުކެނޑުމަކަށް ގެނެސްފައެވެ.
ހަނގުރާމަ މެދުކަނޑާލާފައިވަނީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލުތަކާއި ގުޅިގެން ފިއްތުންތަކެއް ކުރިމަތިވުމުންނެވެ. މިއީ އެއްވެސް ހާލެއްގައި ހަނގުރާމަ ހުއްޓާލީ ނޫން ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އަލުން ހަނގުރާމަ ފެށިދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތައް ހުއްޓާލާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިއަކަށް މަސައްކަތް ކުރި ޕާކިސްތާނުގެ ހުށަހެޅަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޕާކިސްތާނުން އެ ހުށަހެޅުން މިމަހުގެ 5 ވަނަ ދުވަހު ހުށަހެޅުމަށްފަހު 3 ފަރާތަށް ވެސް އެއްބަސްވުމަށް ބާރުއަޅާފައެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމެރިކާއިން މި ހުށަހެޅުމަށް އެއްބަސްވެފައިވަނީ އެގައުމުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ބުނި މުއްދަތު ހަމަވި ފަހުންނެވެ. އެގޮތުން ހޮރްމޫޒް ކަނޑުއޮޅި ރެއާއި ހަމައަށް ނުހުޅުވައިފިނަމަ، އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
ޕާކިސްތާނުން ހުށަހެޅީ 10 ނުކުތާގެ ހުށަހެޅުމެއް:
- އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދަން އެއްބަސްވުން
- އީރާނާއި އެގައުމުގެ ބައިވެރި ޖަމާއަތްތަކާއި ދެކޮޅަށް ހިންގާ ހަމަލާތައް މުޅިން ހުއްޓާލުމަށް މަގުފަހިކުރުން
- އެސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ސަރަހައްދު ދޫކޮށް، އެސަރަހައްދުގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ހަމަލާ ދިނުން ހުއްޓާލުން
- ދެ ހަފްތާގެ މުއްދަތަކަށް ވަކި އަދަދެއްގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ ދިނުން، ހާއްސަ އުސޫލުތަކާއި އެކު
- އީރާނާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުން
- ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ގައުމުގައި ފަންޑެއް ނުވަތަ އިންވެސްޓް ކުރުން
- އީރާނަށް ނިއުކްލިއާ ތަކެތި މުއްސަނދި ކުރުމުގެ ހައްގު އެމެރިކާއިން ބަލައިގަތުން
- ސަރަހައްދީ ގައުމުތަކާއެކު ސުލްހައިގެ މުއާހަދާތަކުގައި ސޮއިކުރުމުގެ ހުއްދަ އީރާނަށް ދިނުން
- ސަރަހައްދުގެ ހުރިހާ ޖަމާއަތްތަކަށް ހަމަލާ ނުދިނުމުގެ ސިޔާސަތު އިތުރަށް ފުޅާކުރުން.
- އދ.ގެ ރަސްމީ ގަރާރަކުން ހުރިހާ ކަމެއް ތަންޒީފު ކުރުން
ހަނގުރާމަ ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ ޕާކިސްތާނުން ހުށަހެޅި ހުށަހެޅުމަކަށް އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލީ ނޫން ކަމަށާއި މެދުކަނޑާލީ ކަމަށެވެ. ދެ ހަފްތާއަށް ދެމިގެންދާނެ މި ހުށަހެޅުމުގެ ފަހުން ވާނެ ގޮތެއް ނޭނގޭނެ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ހަނގުރާމަ އަނެއްކާ ވެސް ފެށިދާނެ ކަމަށެވެ.

