ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް ޕީސީބީން އަންގަވައިފި

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގައިފިއެވެ.

އެމެރިކާއާ އިޒްރޭލުން އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައިގެ ސަބަބުން ގިނަ ފިޔަވަޅުތަކެއް އަޅަން ޕީސީބީން ދައުލަތުގެ ކުންފުނިތަކަށް އަންގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

އެގޮތުން ބައެއް ފިޔަވަޅުތައް އިތުރުކޮށް މިއަދު އަލުން ޕީސީބީން ވަނީ އެ ސާކިއުލާ ކުންފުނިތަކަށް ފޮނުވާފައެވެ.

އެގޮތުން އެޅިފިޔަވަޅު ތަކުގެ ތެރޭގައި:

  • ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން
  • ރަސްމީގަޑީގައި މަސައްކަތްތައް ނިމޭނެގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުވުން
  • މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީނަމަވެސް ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފަކު ނޫނީ ނުނެގުން
  • އިގްތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް ކޭޝްފްލޯ މެނޭޖުކުރުމަށް މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވާ އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީންކުރުމަށް ފިޔަވަޅު އެޅުން
  • މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުން
  • ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
  • ދެމެހެއްޓެނިވި ގޮތުގައި ކުންފުނީގެ ހަރަދުތައް މެނޭޖުކުުރުމަށް މުހިންމު އެހެނިހެން ފިޔަވަޅުތައް ބޯޑުން އެޅުން
  • ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުން
  • ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްޓަަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
  • ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހޭދަ ވީހާވެސް ކުޑަކުރުން
  • ރާއްޖެއިން ބޭރަށްކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި މިފަދަ ޕްރަގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
  • ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
  • ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން
  • ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމާއި ކަރަންޓްގެ ހަރަދު ކުޑަކުރުން

ޕީސީބީން މި ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކުންފުނިތަކަށް އަންގަވާފައިވާއިރު، ދައުލަތުގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top