ޓުރަމްޕުގެ ގޮތްދޫނުކުރުމާއި ބޯހަރުކަމުގެ ނަތީޖާ؛ އީރާނުން އަލުން ހޮރްމުޒް ބަންދުކޮށްފި

ހޮރްމުޒް ކަނޑުއޮޅި ވިޔަފާރި އޮޑިފަހަރަށް ހުޅުވައިލުމަށް އީރާނުން ހުށަހެޅި އެންމެ މުހިއްމު އެއް ޝަރުތަށް އަމަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ދެކޮޅުހެއްދެވުމާ ގުޅިގެން އީރާނުން އަލުން އެ ކަނޑުއޮޅި ބަންދުކޮށްފިއެވެ.

ދުނިޔޭގެ ތެލުގެ ބޮޑު އިންސައްތައެއް އަދި ދުނިޔޭގެ އިގުތިސާދަށާއި ސިނާއީ ކުރިއެރުމާއި ދަނޑުވެރިކަމަށް މުހިއްމު އެތައް މާއްދާއެއް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް މުހިއްމު މި ކަނޑުއޮޅި ހުޅުވައިލުމަށް އީރާނުން ކުރިމަތުކުރި ދެ ޝަރުތަކީ ލުބުނާނުގައި އިސްރާއީލުން ހިންގަމުންއައި އުދުވާނީ ހަމަލާތައް ހުއްޓައިލުމާއި، އީރާނުގެ ބަނދަރުތަކުން ދަތުުރުކުރާ އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުނުކުރެވޭނެހެން އެމެރިކާއިން އަޅާފައި އޮތް ހުރަސް ނައްތަައިލުމެވެ.

ލުބުނާނުގެ ހަމަލާތަައް ބަދަލުކުރުން މެދުކަނޑައިލުމާމެދު އިސްރާއީލާއެކު އެއްބަސްވުމަކަށް ވާސިލުވެވިފައި އޮތް ނަމަވެސް އީރާނުގެ ބަނދަރުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ހޮރްމުޒު ހުރަސްކޮށް ކަނޑު ދަތުރުފަތުރުނުކުރެވޭނެހެން އެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނަވާނެ ކަމުގައި ޓުރަމްޕު ގެންދެވީ ވިދާޅުވަމުންނެވެ.

އީރާނުގެ އަސްކަރިއްޔާއިންވަނީ ހޮރްމޮޒް އަލުން ބަންދުކޮށް އެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފަައެވެ. ސަބަބެއް ކަމުގައި އެ ގައުމުން ބުނީ އެމެރިކާއިން އެއްބަސްވި އިލްތިޒާމުތަކާ އެއްގޮތަށް އަމަލުނުކުރުމެވެ.

އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ބައެއް އުޅަނދުފަހަރަށް ދިނުމަށް އީރާނުން އެއްބަސްވި ނަމަވެސް، އެމެރިކާއިން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރުމާ ގުޅިގެން އެ ކަނޑުއޮޅި އަލުން ބަންދުކޮށް އީރާނުގެ ހުއްދައެއް ނުލިބި ދަތުރުނުކުރެވޭނެކަމަށް ނިންމާފައިވާ ކަމަށެވެ.

އަދި އީރާނުގެ ނިންމުމަކީ އެ ކަނޑުއޮޅި އެ ގައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި ބޭއްވުމާއެކު އެމެރިކާއިން އީރާނުގެ އަދި އެ ގައުމާ ގުޅުންހުރި އުޅަނދުފަހަރަށް އެ ކަނޑުއޮޅިން ނުނިކުމެވޭނެހެން އަޅާފައި އޮތް ހުރަސް ނައްތައިނުލަނީސް އަލުން އެކަނޑުއޮޅި ހުޅުވައިނުލުމެވެ.

ހުކުރުދުވަހުގެ ރޭ އެމެރިކާގެ ރައީސް ޓުރަމްޕު ވިދާޅުވެފައިވަނީ އެމެރިކާއިން އަޅާފައި އޮތް ހުރަސް އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ބުދަދުވަހުގެ ނިޔަލަށް ހަނގުރާމަ ނިމުމަކަށް ގެނައމާ ގުޅޭ އެއްބަސްވުމަކަށް ވާސިލުނުވެވިއްޖެނަމަ އަލުން އީރާނަށް ބޮން އަޅަން ފަށާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ އަސްކރިއްޔާ ގާއިމުކުރުމަށް އަހަރު ފުރުމުގެ މުނާސަބތުގައި އެ ގައުމުގެ ރޫހާނީ ލީޑަރު ފޮނުއްވި ހިތާބެއްގައި އިތުރު ބަލިތަކުގެ ހިތިކަން އެ ގައުމުގެ އަދުއްވުންނަށް ދައްކަވާނެ ކަމުގައި ވައުދުވެވަޑައިގެންފައިވެއެވެ. އަދި ފަސްގަނޑާއި ފެނާއި އެ ފަސްގަނޑަށް ނިސްބަތްވާ ދިދަ ދިފާއުކުރުމުގައި އީރާނުގެ އަސްކަރިއްޔާއިން ދައްކަމުންދަނީ ނަމޫނާއެއަކަން ފާހަގަކުރެއްވިއެވެ.

ޚާމެނާއީ މިފަދައިން ވިދާޅުވިއިރު ހޮރްމުޒު ހުރަސްކޮށް ހަލީޖުން ބޭރުވުމަށް ދަތުރުކުރަމުނއައި ހުރިހާ ޓޭންކަރުތަކާއި ބޯތުފަހަރު އަލުން މިސްރާބު ހަލީޖުގެ އެތެރެއަށް ބަދަލުކޮށްފައިވާކަން ވެސެލް ޓްރެކިން ޑޭޓާއިން ދައްކައެވެ. އަދި ކަނޑު ދަތުރުފަހަރު އެނަލައިސްކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އީރާނުގެ އަސްކަރިއްޔާއިން މިހާރުވަނީ ހޮރްމުޒް ބަންދުކުރުމަށް އެޅުން ލާޒިމު ފިޔަވަޅުތައް އަޅާަފައެވެ.

މިއަދު ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައި އޮތް ވަގުތުގެ ތެރޭގައި މަދުވެގެން އަށް އުޅަނދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވާކަމަށް ކަނޑު އުޅަނދުފަހަރުގެ ދަތުރުފަތުރު ޑޭޓާއިން ދައްކަައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top