ބޭހުގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް ބޭސް ކުންފުނީގެ ޕޯޓަލްއަކާއި ހޮޓްލައިނެއް

ބޭސް ހޯދުމަށް ފަސޭހަކޮށްދިނުމަށް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ ހޮޓްލައިނަކާއި ޑިޖިޓަލް ޕޯޓަލް ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ބޭސްފަރުވާ އާ ގުޅޭ އެންމެހާ ހިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޓެނެވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް އެ ކުންފުނިން ދަނީ މުހިއްމު މަސައްކަތަކެއް ކުރަމުންނެވެ.

އެ ކުންފުނިން ދޭ ހިދުމަތްތަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭ ހާއްސަ ހޮޓްލައިން 1501 މިއަދު ރަސްމީކޮށް ތައާރަފްކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެގޮތުން ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ އެ ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ބޭސް ކުންފުނިން ވިދާޅުވެއެވެ.

އަދި އޭގެ އިތުރުން އީ-ފާސް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް ވަދެވޭ ގޮތަށް ”ސްޓޭޓްފާމާ ޕޯޓަލް“ އިން ބޭސް ހޯދުމަށް އެދުމާއި އެދިފައިވާ ބޭސް ލިބުމުގެ އެންމެފަހުގެ އަދާހަމަ އަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ ކުންފުނިން ވިދާޅުވީ އެ ޕޯޓަލް ފަރުމާކޮށްފައިވަނީ އެންސްޕާގެ ނިޒާމާއި ގުޅުވާލައިގެން ކަމަށްވާތީ މިހާރު ވެސް ހިނގަމުންދާ ނިޒާުގެ ތެރެއިންނާއި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

އެ މަސައްކަތުގެ މައިގަނޑު މަގްސަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވެސް ބޭސް ކުންފުނިން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top