އެންމެ ބޮޑު އިންތިޚާބީ ހަރަކާތް: އީސީ އޮތީ ފުރިހަމައަށް ތައްޔާރުވެފައި

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް އިންތިޚާބީ ހަރަކާތް ހޮނިހިރު ދުވަހު އޮންނައިރު، އެދުވަހު އޮންނަ 3 އިންތިޚާބަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުތަކާއި ގުޅޭގޮތުން ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި މުހިންމު 3 ވޯޓެއް ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިޚާބީ ހަރަކާތަށްވުމުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ ރައްޔިތުން އެ ދުވަހު އޮންނަ އިންތިޚާބުތަކަަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޓީވީއާއި ރޭޑިއޯގެ އިތުރުން ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.

ޒާހިދު ވިދާޅުވީ މިފަދަ ބޮޑު އިންތިޚާބެއް ކުރިއަށްދާއިރު އެންމެ މުހިއްމުކަމަކީ ހުރިހާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. އެކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވާނެކަމަށާއި، ފުލުުހުންނަށްވެސް ދޭންޖެހޭ ހުރިހާ މައުލޫމާތަކާޢި އިރުޝާދުތައް ދިނުމަށް ޚާއްސަ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް ޒާހިދު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ފޮށި ބެހެއްޓި ނުވަތަ ވޯޓިން ސްޓޭޝަން ޤާއިމް ކުރެވި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އީސީން ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި 3 ވޯޓެއް ނެގުމަށް ހަމަޖެހިފައިވާތީ، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓު ކަރުދާސް ލިބޭނެއެވެ. އަދި ކޮންމެ ވޯޓެއްގެ ވޯޓު ކަރުދާސްލުމަށް ފޮށިތައްވެސް ހުންނާނީ ވަކިކޮށްފައެވެ. މިއީ އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top