ޢީދު ބައިބަލާ ޗެލެންޖު 1447ގެ މިސްޓަރ ބައިބަލާގެ ޝަރަފް ޗެމްޕިއަން ޒެޕޯ ސްޕޯޓްސް ކްލަބްގެ މުހައްމަދު ނައްވާފް (މާކީ) ހޯދައިފިއެވެ.
މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި މާކީ މިސްޓަރ ބައިބަލާ ހޯދާފައިވާއިރު، މުބާރާތުގެ ޗެމްޕިއަންކަން ޒެޕޯ ސްޕޯޓްސް ކުލަބް ހޯދުމުގައިވެސް މާކީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ތަފާތު މޮޅު ކުޅުމެއް ދެއްކި މާކީ ވަނީ މިފަހަރުގެ މުބާރާތުގައި ބޭރުން އަރާ އެއްފަހަރާ 6 ކުޅުންތެރިން ނުބައިކޮށްލާ ރެކޯޑެއްވެސް ހަދާފައެވެ.
މިމުބާރާތުގެ މިސްޓަރ ބައިބަލާގެ ޝަރަފްގެ އިތުރުން މާކީ ވަނީ މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.
މާކީގެ އިތުރުން ދެން މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަންކަން ހޯދީ ޒެޕޯގެ ކެޕްޓަން އަދި މިދިޔަ އަހަރުގެ މިސްޓަރ ބައިބަލާގެ މަގާމް ހޯދި އަބްދުﷲ ނިޝާން އާއި ޒެޕޯގެ ނުހާދް ރަޝީދް، މުބާރާތުގެ ރަނަރސް އަޕް ބީޖީ ސްޕޯޓްސް ކްލަބް މުހައްމަދު މިރުސާލް ޔާސިރު އަދި ބީޖީގެ ފަރާޙް ޝާމްއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަން ޒެޕޯ ސްޕޯޓްސް ކްލަބްގެ ކޯޗު ފާރިޝް ޙާލިދެވެ.
ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ގަދަ 4 ޓީމުގެ ތެރޭގައި ހިމެނުނު އޮޑި ސްޕޯޓްސް ކްލަބެވެ.
ސަޕޯޓަރުންގެ އެންމެ މަގުބޫލް ޓީމުގެ މަގާމްވެސް އޮޑި ސްޕޯޓްސް ކްލަބުން ހޯދި އިރު އެންމެ މަގުބޫލް ކުޅުންތެރިއާގެ މަގާމް ހޯދީ ކާސިންޖާސްގެ އަބްދުﷲ މުހައްމަދެވެ.

