މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިން ފުރަން ފަށާނީ މެއި 15 ވަނަ ދުވަހުން ފެށިގެން ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ހައްޖުވެރިން ހަތަރު މަތިންދާ ބޯޓެއްގައި ސައުދީ އަރަބިއްޔާ އަށް ދިއުމަށް ހަމަޖެހިފައިވާ އިރު، ބައެއް ހައްޖުވެރިން އެ ގައުމަށް ގެންދާނީ މޯލްޑިވިއަން އެއާލައިންގައެވެ.
މިގޮތުން ހައްޖުވެރިން ގޮވައިގެން ދާ ފުރަތަމަ ފްލައިޓް މެއި 15 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ފަހެއްގައެވެ.
ހައްޖުވެރިން ގޮވައިގެން ދާ ދެވަނަ ފްލައިޓް މެއި 17 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ހަތެއްގައެވެ.
އަދި ހައްޖުވެރިން ގޮވައިގެން ދާ ތިން ފްލައިޓް މެއި 18 ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ ސައުދިއާގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން އަށެއްގައެވެ.
ހައްޖުވެރިން ގޮވައިގެން ދާ ފަހު ފްލައިޓް މެއި 19ގައި ފުރާއިރު، އެ ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ހައްޖުވެރިން އަޅުކަމަށް ފަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން ނުވައެއްގައެވެ.
ކޮންމެ އަހަރަކުވެސް ހައްޖު އަޅުކަމަށް ދިއުމަށް ސައުދީން ރާއްޖެއަށް 1،000 ކޯޓާ ދެއެވެ.

