ބާއްޖަވެރި ދިރިއުޅުމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ފުރިހަމަ ސިއްހަތެއްގެ އަހުލުވެރިއަކަށްވުން ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ވަޒީރު ނާޒިމް ވިދާޅުވީ، ސިއްހަތަކީ އެންމެ މާތް އެއް ނިއުމަތް ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ދުނިޔެވީ ހަޔާތް ވޭތުކުރެވޭނެ ގޮތް މިންވަރު ކުރެއްވުމަކީ ކޮންމެ މީހަކުމެ ތިމާއާއި ތިމާގެ އާއިލާއާއި ލޯބިވާ އެންމެންގެ މައްޗަށް ކުރާނެ ދުއާ ކަމަށެވެ.
”ދިރިހުރުމާއި ބާއްޖަވެރި ދިރިއުޅުމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އެއް އަސާސަކީ ފުރިހަމަ ސިއްހަތެއްގެ އަހުލުވެރިއަކަށްވުން. ސިއްހަތުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ސިއްހަތުގެ މުހިންމުކަމާއި ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފަރުދީ އާއިލީ އަދި މުޖްތަމައުއާއި ދައުލަތުގެ ފެންވަރުގައި މަސައްކަތްކުރުމުގެ ޒިންމާއާއި މުހިންމު ކަމުގެ އިހްސާސް އަޅުގަނޑުމެންގެ ތެރޭގައި އަށްގެންނެވުމާއި ސިއްހަތަށް މުހިންމު ނިންމުންތަކެއް ނިންމާ އަޒުމުތަކެއް ކަނޑައެޅުމަށް ވިސްނާ ފިކުރު ހިންގާލުމަށް ވަގުތުކޮޅެއް ހާއްސަކޮށްލުން.“ ވަޒީރު ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ސިއްހީ ދުޅަހެޔޮކަމާއި ގުޅުންހުރި މުހިންމު ބަދަލެއް ދިރިއުޅުމުގައި ގެނައުމަށް މިއަދު އަޒުމް ކަނޑައެޅުމަށް ގޮވާލެއްވިއެވެ. ސިއްހީ ގޮތުން ދުޅަހެޔޮ އާދައަކަށް އަހުލުވެރިވުމަށް ނުވަތަ ދުޅަހެޔޮ ނޫން އާދައެއް ދޫކޮށްލުމަށް މިއަދު ކަނޑައަޅައި ލަނޑުދަނޑި ހާސިލްކުރުމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސިއްހީ ދުޅަހެޔޮކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވިދާޅުވިއެވެ.
”މިއަދު ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ ޝިއާރް ބިނާވެގެންވަނީ ސިއްހަތަކަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް. ސައިންސްގެ އެހީގައި ސިއްހަތައްޓަކައި އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅައި އެ ޝިއާރުގެ ބޭނުމަކީ އަޅުގަނޑުމެން ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީ ވެސް ޒަމާނީ ސައިންސްއާިއ ތަހުސީލްތަކާއި ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މައުލޫމާތާއި ތަޖުރިބާއަށް ބަރޯސާވެގެން ކުރާ ކަންކަމުގައި ހެދުން.“ ވަޒީރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާކުރާ މަސައްކަތާއި ބަލި ދެނެގަތުމަށް ކުރާ ތަހުލީލްތަކާއި ޓެސްޓްތަކާއި ބަލި ފެތުރޭ މިންވަރު ބެލުމަށާއި ބަލިން ދިފާއުވުމަށާއި ބަލިވުމުން ބޭސްފަރުވާކުރުމަށް މެޑިކަލް ސައިންސާއި ޒާމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ވަރަށް މުހިންމުކަމަށެވެ.

