ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 680،296 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްް 680،296 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 0.5 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 683،876 ފަތުރުވެރިންނެވެ.
މިހާރު ދުވާލަކު ރާއްޖެ އަންނަނީ 7086 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 131،721 ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރުގެ މިހާތަަނަށް ވިޔަފާރިގެ ބޭނުމަށް 4455 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ކްރޫޒް ލައިނާގައި ރާއްޖެއަށް 10،351 ފަސެންޖަރުން އައިސްފައިވެއެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން ރާއްޖެއަށް 99،583 ފަތުރުވެރިން އައިސްފައިވެއެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، އެ ގައުމަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެކެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 84،196 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 64،643 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ އެއާޕޯޓުން މިހާތަނަށް 661،152 ފަތުރުވެރިން އެތެރެވެފައިވާއިރު، 2،780 ފަތުރުވެރިންނާއެކު ދެވަނަައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އެތެެރެ ވަނީ މާފަރު އިންޓަނޭޝަަނަލް އެއާޕޯޓުންނެވެ. އެއީ 2،615 ފަތުރުވެރިންނެވެ.
ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 931 ގެސްޓް ހައުސް އާއި، 172 ސަފާރީ އޮޕަރޭޓް ކުރަމުން ދެއެވެ.

