މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވުމަށް ރިޔާސަތުގައި އިންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އިއްވެވި ރައުޔަށް ބެންޗުގައި ތިއްބެވި އެހެން ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. ޣާލިބު އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކި ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައިވާ އިރު، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަން އެނގެން އޮންނަ ކަމަށެވެ. މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ސިނާއީގެ ފަރާތުން ބުނި ކަމުގައިވިޔަސް، އެއީ އެއްވެސް ބުރަދަނެއް ދެވޭނެ ހަމައެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ހުކުމުގައިވެއެވެ.

ކޯޓުން ކުރާ ހުކުމެއްގެ ބާރު ހުކުމް ކުރާ ހިސާބުން ދެމި އޮންނާތީ އާއި ގާނޫނު ނޭނގުމަކީ ކޯޓުގެ ކުރިމަތީގައި ހުއްޖަތެއް ކަމުގައި ނުވާތީ އާއި އަމިއްލަ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަންތައްތަކުގެ ހަގީގަތް ނޭނގޭތީ ޒިންމާ ނަގަން ނުޖެހޭ ކަމަށް ބުނުމަކީ ގާނޫނު ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ހުކުމްގައިވެއެވެ.

ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވަނީ ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާތީ އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ.

ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު ފައިސާ ދެއްކުމަށް ހުކުމުގައި އޮތް ނަމަވެސް އެގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ، ތިންވަނަ މަހު އެއްކޮށް ފައިސާ ދެއްކުމަކީ ހުކުމާ އެއްގޮތަށް އަމަލުކުރުން ކަމުގައި ނުބެލެވޭނެ ކަމަށާއި ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ބޭންކަށް ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށް ހުކުމްގައިވެއެވެ.

ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ، ރަހުނު ވިއްކާލައިގެން ފައިސާ ހޯދެން އޮތުމުން އެފަދަ ހުކުމެއްގެ ދަށުން ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، ހުކުމްގައި ވަނީ ލޯނަކީ ރަހުނު ހިމެނޭ އެއްޗަކަށް ވިޔަސް، ސާބިތު ދަރަންޏެއް އޮތް ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އެކަންކަން ފާހަގަ ކުރައްވައި ޝުޖޫންގެ ރައުޔު އިއްވެވުމުން ދެން ތިއްބެވި ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފައެވެ.

”ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން މުހައްމަދު ސިނާން ވަކިވެއްޖެ ކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން.“ ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަވެސް މެއެވެ. ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅާ ދިނުމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top