ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫ ޒުވާނަކު މާލެ ގެނެސް، އައިޖީއެމްޗްގެ އައިސީޔޫގައިފަރުވާ ދޭން ފަށައިފިއެވެ.
ޑެންގޫ ޖެހިގެން ހާލު ސީރިއަސްވީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މިލަންދޫ ކައުންސިލް މެމްބަރަކު ”ވަގުތު“ އަށް ވިދާޅުވީ އެ ޒުވާނާ މިލަންދޫ ސިއްހީ މަރުކަޒަަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެ ރަށު މަރުކަޒުގައި ފަރުވާ ދެނިކޮށް ހާލު ސީރިއަސް ވެގެން ކުޅުދުއްފުށީ ހޮސްޕީޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ މާލެ ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރަށުގައި އެހާ ގިނައިން ޑެންގީ އޮތް ކަމަކަށް މައުލޫމާތެއް ނުލިބޭ، މިއަދާއި އިއްޔެ ކޮންމެސް ވަރަކަށް އިތުރު ވޭދަނަތަކެއް ފެންނަމުން އެބަދޭ، އަދި އިތުރު މީހަކު ވާނީ އަނެއްކާ ކުޅުދުއްފުއްޓަށް ފޮނުވާލެވިފައި، އެއީ ލޭ އަޅާ ކުއްޖެއް“ މިލަންދޫ ކައުނސިލުން ވިދާޅުވިއެވެ
މިލަންދޫ ކައުންސިލުން ވިދާޅުވީ އެ ކުއްޖާ ކުޅުދުއްފުއްޓަށް ގެންދިޔައީ ލޭ އަޅާ ކުއްޖަކަށް ވެފައި ހާލު ސީރިއަށް ވެދާނެ ކަމަށް ބަލައިފައެވެ. އަދި އެކުއްޖާގެ ހާލު މިވަގުތު ރަނަގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެކަނި ޑެންގީ ޖެހިގެން 535 މީހުން ރިޕޯޓުކޮށްފައި ވެއެވެ. އަދި ފެބްރުއަރީ މަހާ އަޅާބަލާ އިރު، މާރިޗު މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ ވިދާޅުވެއެވެ. ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 428 މީހުންނަށެވެ.

