ކ.ހުރާގައި މީހުން ދިރިއުޅެމުންދާ ގެއެއްގައި ރޯވެ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 12:30 ހާއިރެވެ.
ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، އެ ގޭގައި ރޭގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެގޭ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށެވެ.
އަދި މި ހާދިސާގެ ސަބަބުންއެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
”އެހެންކަމުން މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 ފަރާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިދަނީ ކައުންސިލާ ގުޅިގެން ކުރަމުން،“. އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
ހުރާ ކައުންސިލް ރައީސް އީސާ އަހްމަދު ”ވަގުތު“އަށް ވިދާޅުވީ، މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު 2:00 ގެ ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި މަޑު ކުރަނީ ފުލުހުން އަންނަންދެން، ލިބިފައި ހުރި ގެއްލުން އަދި ނޭނގެ. އެއް ކޮޓަރި އެއްކޮށް އަނދައިގެން ގޮސްފައި ހުރީ، ދެން ގޭގެ ސިޓީން ރޫމާއި ތަންތަންވެސް، ތިން ކޮޓަރި މި ހުންނަނީ ވަރަށް ބޮޑަށް އަނދާފައި، ދުމުގެ އަސަރު ހުރިހާ ކޮޓަރީތަކަށްވެސް ކޮށްފައި، ގެއިން މީހުން ނެރެފައި، މުޅި ގެއަށް ފެން ޖަހާފައި ހުރީ،“. އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ، ރޯވި ކޮޓަރީގައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.
”ރައްޔިތުން ނުކުމެ ކުރި މަސައްކަތުން ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވިއްޖެ،“. އޭނާ ވިދާޅުވިއެވެ.
އީސަ ވިދާޅުވިގޮތުގައި، މި ހާދިސާގައި ފިހުނީ އަންހެނެެކެވެ. އޭނާ މިހާރު ވަނީ މާލެ ފޮނުވާލައިފައެވެ.
”އޭނާއަށް އަދިވެސް ނޭނގެ ބުނެދޭކަށް ކިހިނެއް ވީކަމެއް، ބޮޑަށް ލަފާ ކުރެވެނީ ޗާޖަށް ޖަހާފައި ހުރި ފޯނުގައި ރޯވީ ކަމަށް،“. އީސަ ވިދާޅުވިއެވެ.
ރެ އެގޭގައި ރޯވުމާއެކު، ކައުންސިލުން އެ މީހުން ވަނީ ރައްކާތެރި ތަންތަނަށް ލައިފައެވެ.
”ފުލުހުންގެ އިތުރު ޓީމެއް އައިސް ބެލުމަށް ފަހުގައި، އެގެ ސާފް ކުރުމައި، ރަނގަޅަށް ހުރި ކޮޓަރިތަކަށް މީހުން ވެއްދޭނެ ގޮތެއް ވޭތޯ ބެލޭނީ، އެކަމަކު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން އެކަން ކުރިއަށް ގެންދެވޭނީ،“. އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ކައުންސިލުން ކޮށްދެވޭނެ ކަންކަން ބަލަމުން އަންނަކަންވެސް އީސަ ފާހަގަކުރެއްވިއެވެ.

