ވަގުތީ ސަރުކާރެއް އުފައްދަން އެމްޑީޕީން ގޮވާލަނީ ގައުމުގައި ހަމަނުޖެހުން އުފައްދަން: މެމްބަރު ޒަރީރު

ވަގުތީ ސަރުކާރެއް އުފައްދަން އިދިކޮޅު އެމްޑީޕީން ގޮވާލަނީ ގައުމުގައި ހަމަނުޖެހުން އުފައްދަންކަމަށް މަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ބޭނުން ޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ކުރީގެ ރައީސް ނަޝީދު ހިމެނޭހެން އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން އަންނަނީ ގޮވާލަމުންނެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެމްއެމްޓީވީގެ ”ބޮޑު ހަބަރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ ހާލަތެއް ރާއްޖޭގައި އަދި ނެތް ކަމަށެވެ.

އިންތިގާލީ ސަރުކާރެއް އެކުލަވާލަންޖެހެނީ ރާއްޖޭގެ ކޮން ކަމެއް ގޯސްވެގެންތޯ މެމްބަރު ޒަރީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

”އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތައް، ނުވަތަ އެމްޑީޕީން ނުވަތަ ރައީސް ޔާމީން އެ ގޮވާލައްވާ ގޮވާލެއްވުމަކީ އަޅުގަނޑު ދަންނަވާނީ މި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ގޮވާލާ ގޮވާލުމެކޭ. އެބޭފުޅުންނަށް އެނގޭ 2028 އެބޭފުޅުންނަށް ކާމިޔާބު ނުކުރެވޭނެކަން. އެހެންވީމަ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުރާ މަސައްކަތް މިއީ. އަދި ނުދޭ ގައުމު އެހާލަތަކަށް،“. މެމްބަރު ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަކީ ސަރުކާރުގެ ޒިންމާއެއް ނަމަވެސް އެކަން ކުރުމުގައި ފެންނަމުންދާ ހަގީގަތުގެ މައްޗަށް ބުރަވާންޖެހޭކަން މެމްބަރު ފާހަގަކުރެއްވި އެވެ.

ނިމިދިޔަ އިންތިހާބުގައި ކާމިޔާބުވީ އެމްޑީޕީއަށް ކަމަށް އެ ޕާޓީން ބުނަމުންދާ ދިއުމަށް ރައްދު ދެއްވައި މެމްބަރު ވިދާޅުވީ އިންތިހާބުގައި ހަގީގީ ކާމިޔާބު ލިބުނީ ޕީއެންސީއަށް ކަމަށެވެ.

”އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް. އެންމެ ގިނަ ގޮނޑި ނެގީ ޕީއެންސީން. ކޮން ގޮތަކަށް ދެން އެބޭފުޅުންނަށް މި ކާމިޔާބުވަނީ؟. ހިސާބުކިތާބު ޖަހާލީމަ އެނގޭނެ ކޮން ބަޔަކަށްކަން ކާމިޔާބުވީ،“. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރީ ޕީއެންސީންކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން މިއަދު ކުރަމުންދާ ކަންކަން ކާމިޔާބު ނުވާނެކަމަށް މެމްބަރު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top